ޗެލްސީގެ ބްރެޒިލް ތަރި އޮސްކާ ބޭނުން ވަނީ ސަންތޯސްގެ ބްރެޒިލް ތަރި ނޭމާ ޗެލްސީއަށް ގެންދަން ކަމަށާއި ބާސެލޯނާގެ ބްރެޒިލް ޑިފެންޑަރު ޑަނީ އަލްވޭސް ބޭނުން ވަނީ ނޭމާ އެކުލަބަށް ގެންދިއުމަށް ކަމަށް ނޭމާ ބުނެފި އެވެ.

އޮސްކާ އާއި އަލްވޭސްއަކީ ވަރަށް ރަނގަޅު ސޭލްސްމަނުން ކަމުގައި ވެސް ނޭމާ ބުނެފައިވެ އެވެ.

ނޭމާ ހޯދުމަށް ނިމިގެން ދިޔަ 18 މަސް ދުވަސް ތެރޭ ޔޫރަޕްގެ ގިނަ ކްލަބްތަކަކުން މަސައްކަތް ކޮށްފައިވެ އެވެ. މިސީޒަން ފެށުމުގެ ކުރިން ސްޕެއިންގެ ބާސެލޯނާ ނުވަތަ ރެއާލް މެޑްރިޑާއި ގުޅޭނެ ކަމަށް ރިޕޯޓްތަކުން ބުނި ނަމަވެސް ނޭމާ ހިޔާރުކޮށްފައި ވަނީ ބްރެޒިލްގައި މަޑުކުރުމަށެވެ.

ނޭމާގެ ވާހަކަތަކުން މިހާރު އެނގިފައިވާ ގޮތުގައި ޗެލްސީއިން އޭނާ ހޯދުމަށް މަސައްކަތްކުރާ ކަމެވެ. އަދި ބާސާ އިން ވެސް އޭނާ ގެންދިއުމަށް ޝައުގުވެރިވާކަން ނޭމާގެ ވާހަކަތަކުން އެނގިގެން ދިޔަ އެވެ. އޮސްކާ އަކީ ނޭމާއާ އެކު މިއަހަރު ބޭއްވި އޮލިމްޕިކްސް މުބާރާތުގައި ބްރެޒިލް ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިއެކެވެ.

"ލަންޑަންގެ މާހައުލާއި ޗެލްސީއަކީ ވަރުގަދަ ކްލަބެއްކަމަށް ބުނެ އޮސްކާ ވަނީ އަހަރެންނަށް މެސެޖްތަކެއް ފޮނުވާފައި. އޮސްކާއާއި އަލްވޭސްއަކީ އެކުޅުންތެރިންގެ ކްލަބުތަކަށް ވަރަށް ރަނގަޅު ސޭލްސްމަނުން. ރަނގަޅު ވަގުތު އައުމުން އަހަރެންގެ އެޖެންޓަށް ލިބިފައިވާ ރަނގަޅު ހުށަހެޅުންތައް އަޑުއަހާނަން. އެއީ އަހަރެންނަށް ވަރަށް ފަސޭހަކަމެއް. ބާސާއިން އަހަރެންނަށް ޝައުގުވެރިވާ ނަމަ އަޑުއަހާނަން، މެޑްރިޑުން ޝައުގުވެރިވާނަމަ އަޑުއަހާނަން އަދި ޗެލްސީއިން ޝައުވެރިވާ ނަމަވެސް އަޑުއަހާނަން." ނޭމާ ބުންޏެވެ.

ނޭމާއަކީ ހުނަރުވެރި މޮޅު ކުޅުންތެރިއެއްކަމަށް ގިނަބަޔަކު އެއްބަސްވާ އިރު، އެބައެއްގެ އެންމެ ބޮޑު ޝަކުވާއަކީ ޔޫރަޕް ކްލަބުތަކުގެ ހުށަހެޅުންތަކަށް ފުރަގަސްދެމުން ގެންދާކަމުގެ ޝަކުވާ އެވެ.

ނޭމާ ބުނީ، ޔޫރަޕްގެ މަޝްހޫރު ދެ ކުލަބުގެ އިތުރުން އެފްރިކާގެ ދެ ކުލަބަކުން ވެސް ދާދި ފަހުން ހުށަހެޅުންތަކެއް ލިބުނު ނަމަވެސް، އެ ހުށަހެޅުންތަކަށް އިންކާރުކުރީ، 2014 ވަނައަހަރު އަމިއްލަ ގައުމުގައި އޮންނަ ވޯލްޑް ކަޕަށް ވިސްނާފައި ކަމަށެވެ. އެގޮތުން ވޯޑް ކަޕް ބްރެޒިލްއަށް ކާމިޔާބު ކުރެވެން އަދި އޮތީ ސަންޓޯސްގައި މަޑު ކުރުމުން ކަމަށް ވެސް ނޭމާ ވަނީ ބުނެފަ އެވެ.

ސަންޓޯސް އާއި އެކު ހަދާފައިވާ ކޮންޓްރެކްޓް ނޭމާ އާކުރީ ދާދި ފަހުންނެވެ. އެ ކޮންޓްރެކްޓްގައިވާ ގޮތުން އެކުލަބާއި އެކު 2014 ވަނަ އަހަރާއި ޖެހެންދެން ހުންނާނެ ކަމެވެ. ކޮންޓްރެކްޓް އާކުރުމުން ނޭމާ ހޯދުމަށް މަސައްކަތް ކުރާ ކުލަބުތަކަށް ގިނަ އުނދަގޫތަކަކާއި ކުރިމަތިވެފައި ވެ އެވެ.