08 Oct 2012, 12:09
ކުރިއަށް އޮތް އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް އަހަރު ނިމުމުގެ ދެ މަސް ކުރިން ފިނޭންސުން މަޖިލީހަށް ހުށަހަޅަން ޖެހޭ ގޮތަށް މާލިއްޔަތު ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ. އެ އިސްލާހު ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ.
މާލިއްޔަތު ގާނޫނަށް އިސްލާހު ހުށަހަޅުއްވަމުން ރޮޒައިނާ ވިދާޅުވީ މާލިއްޔަތު ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން ނަމަ ކުރިއަށް އޮތް އަހަރަށް ލަފާ ކުރާ ބަޖެޓް ހުށަހަޅަން ޖެހޭނީ ހިނގަމުންދާ އަހަރުގެ ޑިސެންބަރުގެ މަހުގެ ތެރޭގައި ކަމަށެވެ. އަދި ވިދާޅުވީ ގާނޫނަށް ރިޔާއަތްކޮށް ޑިސެމްބަރު މަހުގެ ތެރޭގައި ފިނޭންސް މިނިސްޓަރު މަޖިލީހަށް ބަޖެޓް ހުށަހެޅުއްވުމުން ތާށިކަމުގެ ތެރޭގައި އަވަސް އަރުވާލައިގެން ބަޖެޓް ފާސް ކުރަން ޖެހޭ ކަމަށެވެ.
އެ މުއްދަތުގެ ތެރޭގައި ބަޖެޓް ދިރާސާ ކުރުމަށް މެމްބަރުނަށް ވަގުތު ނުލިބޭ ކަމަށާއި އަދި އެ ގޮތަށް އަވަސް އަރުވާލައިގެން މަސައްކަތް ކުރުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށް ވެސް އެކަމާނާ ވިދާލުވި އެވެ.
"ބަޖެޓްގެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތަށް ނުކުރެވި، 31 ޑިސެންބަރުގެ ކުރިން ބަޖެޓް ނިންމަންޖެހޭތީ ޖެނުއަރީ މަހު ކުރަން ޖެހޭ ހަރަދުތަކަށް ޖާގަ ދިނުމުގެ ގޮތުން ތެޅިގަނެގެން ބަޖެޓް ފާސް މިކުރަނީ... މިކަން މިގޮތަށް ކުރުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށް އަޅުގަނޑުމެން ދެކެން،" ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ރޮޒައިނާ ވިދާޅުވި އެވެ.