08 Oct 2012, 10:30
ދިވެހި ރާއްޖޭގައި ނުރައްކާތެރި ހަތިޔާރު ބޭނުން ކޮށްގެން ކުށެއް ނެތް އެތައް ރައްޔިތުންނެއް މަރަމުން ގެންދާ އިރު ބޭރު ދުނިޔޭގެ ފާޑުކިޔުންތަކަށް ބިރުން އިސްލާމީ ޝަރީއަތް ގާއިމްނުކޮށް ތިބެގެން ނުވާނެ ކަމަށާއި ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރަން ޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅު ވެއްޖެ އެވެ.
ޓީވީ މޯލްޑިވްސްގެ ޕްރޮގްރާމެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ޝަހީމު ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ނުކުރާހާ ހިނދަކު މި ގައުމު އަމާން އައްސޭރިއަކަށް ނުގެންދެވޭނެ ކަމަށާއި ރައްޔިތުން މަޖިލީހުގެ މެމްބަރުން ވެސް ގައުމު ނާންމާން ބައްރަކަށް ދާން ދޫކޮށް ނުލެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އޭނާ ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މަރުގެ ހުކުމް ތަންފީޒު ކުރާ އިރު މިގައުމު ކިތަންމެ ކުޑަކޮށް ނަމަވެސް އިސްލާމީ ޝަރީއަތް ގާއިމު ކުރުމުގައި ފަސްޖެހެން ނުޖެހޭނެ ކަމަށެވެ. އަދި މި ގައުމަށް އެންމެ މުހިއްމީ ވެސް ގިސާސްގެ ހުކުމްތައް ގާއިމު ކުރުން ކަމަށް ޝަހީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގިސާސްއާ ހަމައަށް އައިމާ މިދައްކަނީ އިންސާނީ ހައްގުތަކުގެ ވާހަކަ އާއި ޑިމޮކްރެސީގެ ވާހަކަ. އަދި ބައެއް މީހުން އެބަ ބުނޭ ގިސާސް ހިފީމާ މަރުވެފައި އޮންނަ މީހާ ދިރޭނެ ނަމަ އެންމެ ރަނގަޅޭ އެކަން ކުރަން. ދެން ﷲ އެކަމަށް އަމުރު ކުރެއްވީމާ އަޅުގަނޑުމެން ކީކޭތޯ ބުނާނީ،" ވިދާޅުވި އެެވެ.
ޝަހީމް ވިދާޅުވީ މަރުގެ އަދަބު ދިނުމާ ދެކޮޅަށް ހުޅަނގުގެ ގައުމުތަކުގައި ބަހުސް ކުރާ އިރު މަރުގެ އަދަބު ދިނުން އޮންނަނީ ހަމަ އެކަނި ކީރިތި ގުރުއާނުގައި އެކަނި ނޫން ކަމަށާއި އެގޮތުން ތައުރާތާއި އިންޖީލުގައި ވެސް މަރުގެ އަދަބު ދިނުން އޮންނަ ކަމަށެވެ.
"މަރުގެ އަދަބުގެ ވާހަކަ ދައްކާ އިރު ގުރުއާނުގައި އެކަންޏެއް ނޫން މަރުގެ އަދަބުދޭ ވާހަކަ އޮތީ. ތައުރާތާއި، އިންޖީލުގައި ވެސް މަރުގެ އަދަބު ދިނުން އޮވޭ. އަދި މި ދެ ފޮތުގައި އެހެން އޮންނާނެ ވާހަކަ ގުރުއާނުގައި ބަޔާން ކުރައްވާފައި ވެސް އެބައޮތް" ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ﷲ އެންގެވި ގޮތަށް އަޅުގަނޑުމެން ކަންތައް ކޮށްގެން އެއްވެސް ދެރަ ގޮތެއް ދިމާ ނުވާނެ ކަމަށާއި އެގޮތަށް ހިތަށް އަރާ ނަމަ އެއީ ވެސް ވަރަށް ބޮޑު ގޯހެއް ކަމަށެވެ.
"އަޅުގަނޑެއް ގަބޫލެއް ނުކުރަން އިސްލާމް ދީނުގައި އޮތް މަރުގެ އަދަބެއް ތަންފީޒު ކޮށްގެން ދިވެހި ރާއްޖެ ބަނޑަށް ޖެހިދާނެ ކަމަކަށް. ކާކަށްތޯ އެނގޭނީ ހަމަ ތެޔޮވަޅެއް ވެސް ފެނިދާނެ ނޫންތޯ،" ވިދާޅުވި އެވެ.
ދީނީ ގޮތުން ހައްދުފަހަނައަޅާފައި ތިބި ބަޔަކު މި ގައުމުގައި އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ ދީނީ ގޮތުން ހައްދު ފަހަނައަޅާފައި ތިބި ބައެއްގެ ވާހަކަ ދައްކާ އިރު ސިޔާސީ ގޮތުން ހައްދު ފަހަނައަޅާފައި ތިބި ބަޔަކު ވެސް އެބަތިބި ކަމަށާއި އެގޮތުން މުޒާހަރާ ކުރުމުގައްޔާއި ޚިޔާލު ފާޅުކުރުމުގައި ވެސް ހައްދެއް ނެތް ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން އެބަ ގަބޫލުކުރޭ ކުރުތާއެއް ލާފައި ތުނބުޅި ވަކިވަރަކަށް ވުރެ ދިގުކުރީމާ އެހެރީ ދީނީ ގޮތުން ހައްދުފަހަނަ އަޅާފައި ކަމަށް. ހައްދު ފަހަނައަޅާ ދިއުމޭ ބުނެވޭ ބަހުގެ މާނައަކީ އައިޑިއޮލޮޖިކަލް ކްރައިސިސްއެއް ނުވަތަ ފިކުރީ މުސީބާތެއް އިންސާނުން ނަށް ދިމާވުން." ޝަހީމް ވިދާޅުވި އެވެ.