08 Oct 2012, 10:11
ނ. އަތޮޅު ބަރަވެލި ކަނޑުގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެ އަޑިއަށް ހިނގައްޖެ އެވެ.
އެ ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުން ވެފައެއް ނުވެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އަބްދުﷲ އަލީ މިއަދު ވިދާޅުވީ ނ. އަތޮޅު ވައްޓަރުގެ އިރުމަތިން ތިންމޭލު ބޭރުގައި އޮތް ދޯނީގައި އަލިފާން ރޯވިކަން އެނގުނީ ނ. މަނަދޫން ފުރައިގެން އެ ސަރަހައްދުން ދިޔަ ދޯންޏަކަށް ރޭ 9:30 އެހާކަންހާ އިރު އެމްއެންޑީއެފަށް ރިޕޯޓު ކުރުމުން ކަމަށެވެ.
އަދި އެ ހާދިސާ ހިނގިތަނަށް ކޯސްޓްގާޑު ދިޔައިރު ދޯނީގައި އެއްވެސް މީހަކު ވެސް އަދި އެއްވެސް މުދަލެއް ވެސް ނެތް ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެމްއެންޑީއެފުން ބުނީ އެ ދޯންޏަކީ ކޮން ރަށެއްގެ ކޮން ބައެއްގެ ދޯންޏެއް ކަން އެނގޭނެ އެއްވެސް ލިޔެކިޔުމެއް ވެސް އެނގެން ނެތް ކަމަށާއި ދޯނީގައި އިންޖީނެއް ވެސް ނެތް ކަމަށެވެ. އަދި ބާވެހަލާކުވެފައިވާ އެ ދޯނީގައި އަލިފާން ރޯވާން ދިމާވީ ކީއްވެގެން ކަން ނޭނގޭ ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.
އަލިފާން ރޯވި ދޯނީގެ ބޮޑުބައެއް އަޑިއަށް ގޮސްފައިވާ އިރު އެ ދޯންޏާ ގުޅިގެން އެއްވެސް ފަރާތެއްގެ ޝަކުވާއެއް ވެސް މިހާތަނަށް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެ އެވެ.