ކ. މާފުށީގައި ފުޅާކޮށް ބަނގުރަލުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މިިދިޔަ ހުކުރު ދުވަހު ހައްޔަރުކުރީ، އަޚުލާގީ މައްސަލައެއްގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ކަނޑާލި ކުރީގެ އޮފިސަރެއް ކަމަށް އެ ޚިދުމަތުން މިއަދު ބުނެފިއެވެ.

ފުލުހުން މިއަދު، ވަނީ 42 ފުޅި ބަނގުރަލާއެކު މާފުށިން، ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައެވެ. އެއީ ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ނަބީހު ޢަބްދުއްރަޝީދު ކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ.

އެއާއެކު ސޯޝަލް މީޑިއާގައި ވަނީ އޭނާ ކަރެކްޝަނަލް ސާވިސްގެ ޔުނީފޯމުގައި ހުއްޓައި ނަގާފައިވާ ފޮޓޯތަކެއްް ދައުރުވާންފަށާފައެވެ.

'ސަން' އިން ސުވާލުކުރުމުން ކަރެކްޝަނަލް ސާވިސްއިން ބުނީ އެ ޒުވާނާއަކީ މިހާރު ކަރެކްޝަންސްގެ މުވައްޒަފެއް ނޫންކަމަށެވެ. އެގޮތުން އޭނާއަކީ އަޚްލާގީ މައްސަލައެއްގައި މީގެ ގާތްގަނޑަކަށް ދޮޅު އަހަރު ކުރިން އެ ޚިދުމަތުގެ ވަޒީފާއިން ވަކިކޮށްފައިވާ އޮފިސަރެއް ކަމަށް ކަރެކްޝަނުން ވަނީ މައުލޫމާތު ދީފައެވެ.

ފުލުހުން ބުނީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން، މާފުށީގައި ނަބީހު ދިރިއުޅެމުންދިޔަ ގެ ބަލައިފާސްކުރިއިރު 42 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އަށް ދުވަހަށް އޭނާ ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.