ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގައި މަސައްކަތް ކުރާ ބައެއް ގާނޫނީ ވަކީލުން އެ މީހުންގެ މުވައްކިލުންނާ ނަވަތަ ކުށުގެ ތުހުމަތު ކުރެވޭ މީހާއާ ގުޅިގެން ކުށުގެ ޢަމަލު ފޮރުވަން މަސައްކަތް ކުރާ ކަމަށް މަޝްހޫރު ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދުގެ ބްލޮގްގައި އޭނާ އިއްޔެ ވިދާޅުވެފައި ވަނީ، ވަކީލުން އެ މީހުންގެ މުވައްކިލުން ޤާނޫނުގެ ދާއިރާގެ ތެރޭގައި ދިފާޢުކޮށްދިނުމުގެ ބަދަލުގައި މުވައްކިލާ ގުޅިގެން ކުށުގެ ޢަމަލު ފޮރުވުމަށް މަސައްކަތްކުރަމުންދާ ކަމަށާއި ޤާނޫނާ ޚިލާފު ޢަމަލު ވެސް ކުރާ ކަމަށެވެ. އަދި ޤާނޫނުގެ ބާރު ވެސް ކަނޑުވާލާ ކަމަށާއި ރަނގަޅު ގޮތުގައި ގާނޫނު ހިންގުމަށް އޮތް ފުރުޞަތުތަކަށް ވެސް ވަކީލުން ހުރަސްއަޅާ ކަމަށެވެ.

"ވަކީލު އެ މީހުންގެ މުވައްކިލުން ޤާނޫނުގެ ދާއިރާގެ ތެރޭގައި ދިފާޢުކޮށްދިނުމުގެ ބަދަލުގައި، މުވައްކިލާ ގުޅިގެން ކުށުގެ ޢަމަލު ފޮރުވުމަށް މަސައްކަތްކުރަނީ. ޤާނޫނާ ޚިލާފު ޢަމަލު ވެސް ކުރަނީ. ޤާނޫނުގެ ބާރު ވެސް ކަނޑުވާލަނީ. ޤާނޫނު ރަނގަޅު ގޮތުގައި ހިންގުމަށް އޮތް ފުރުޞަތަށް ވެސް ހުރަސްއަޅަނީ." ނަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ގޭންގުތައް ހިންގާ ބައެއް ގްރޫޕުތަކުން އެ މީހުންގެ ކަންކަމަށް ވަކީލުން މަހު މުސާރަދީފައި އަންޔަން ކޮށްފައި ތިބޭ ކަމަށާއި އަދި ބައެއް ޙާލަތްތަކުގައި ކުށްވެރިން ކުށްކުރުމުގެ ކުރިން، ވަކީލާ މަޝްވަރާކޮށް، ޤާނޫނީ ގޮތުން ސަލާމަތްވެވޭނެ ގޮތަކަށް އެކަން ކުރުމުގައި ވަކީލުގެ އެހީތެރިކަން ހޯދާ ކަމަށެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ކުށުގެ ތުހުމަތު ކުރެވޭ މީހާއާ ދެކޮޅަށް ހެކިބަސްދޭ މީހުންގެ ބަޔާން ލިބުމުން، ނުވަތަ މަޢުލޫމާތު ވަކީލުންގެ އަތަށް ލިބުމުން، އެ މީހުންނަށް ނުފޫޒު ފޯރުވުމުގެ ޢަމަލުތައް ހިންގާ ކަމަށާއި އަދި ޖިނާއީ ޢަދުލުގެ ނިޒާމުގައި ތިބި ހަރުކުލައިގެ ގިނަ މީހުންނަށް މިކަންތައްތައް އެނގޭ ކަމަށެވެ. އޭގެ ސަބަބުން ހެކީން ހެކިބަސް ދިނުމަށް އުޒުވެރިވެ އަދި ދީފައިވާ ބަޔާން ބަދަލު ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވަކީލުން ހެކިންނަށް ފޯރުވާ ނުފޫޒުގައި ޖެހި، ހެކީން ބަޔާން ދިނުމަށް އިންކާރުކުރޭ. ކުރިން ދީފައިވާ ބަޔާން ބަދަލުކުރަން ބޭނުންވޭ. ހެކިބަސްދޭން ދެން ބޭނުން ނުވާކަމަށް ބުނޭ. ނުވަތަ ފުރައިގެން ކޯޓާއި މައްސަލައާ ދުރަށް ދޭ." ނަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހެކިން ފޮރުވައިގެން ގެންގުޅުނު ނަމަވެސް، އެކަމަށް ހައްލެއް ނެތް ކަމަށާއި ސަބަބަކީ ވަކީލުންގެ އަތަށް އެމީހުންގެ ބަޔާންތައް ލިބުމުން، ނުވަތަ ހެކިދެނީ ކޮން ބައެއްކަން އެނގުމުން، އެ މީހުންނަށް ގުޅައި ނުފޫޒު ފޯރުވުމުގެ ދައުރު ވަކީލުން ކުޅުން ކަމަށެވެ.

ކުށްވެރިން ހައްޔަރު ކުރެވޭ ގޮތާ މެދު ވިދާޅުވީ ކުށެއްގެ ތުޙުމަތުގައި އެކަކަށް ވުރެ ގިނަ މީހުން ހައްޔަރުކުރެވޭ ޙާލަތުގައި އެމީހުން ބައިތިއްބަނީ ވަކިން ކަމަށާއި އޭގެ ސަބަބަކީ އެންމެން އެއް ތަނެއްގައި ބައިތިއްބައިފި ނަމަ އެންމެން އެކައްޗެއް ކިޔައި ތަޙުގީގަށް ހުރަސް އަލާފާނެތީ ކަމަށެވެ. އެހެންނަމަވެސް ކަން ވަނީ އެއާ މުޅިން ހިލާފަށް ކަމަށާއި އެ ހުރިހާ އެންމެން އައްޔަން ކުރަނީ އެއް ވަކީލެއް ކަމަށެވެ. އަދި އޭގެ ނަތީޖާ އަކަށް ވެގެން ދަނީ ވަކިވަކިން ބައިތިއްބާފައިވާ އެންމެންނާ ވަކިން ބައްދަލު ކުރުރުމަށް އެ ވަކީލުންނަށް ފުރުސަތު ލިބިގެންދާ ކަމަށާއި ލިބޭ ފުރުސަތުގެ ނަހަމަ ގޮތުގައި ބޭނުން ކޮށްގެން އެންމެން ލައްވައި އެކައްޗެއް ކިޔުއްވާ ކަމަށާއި އަދި ދައްކާ ވާހަކަ އެއްގޮތް ކުރާ ކަމަށެވެ. މީގެ އިތުރުން އާ ވާހަކަތައް އުފަންކުރުވައިގެން އެމީހުން ސަލާމަތް ކޮށްދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ތަޖުރިބާކާރު ގާނޫނީ ވަކީލު ވިދާޅުވީ ގޭންގު ކުށްތަކުގަ އާއި އަދި ބޮޑެތި ޖިނާއީ ކުށްކުށުގައި ތުހުމަތު ކުރެވިގެން ހައްޔަރު ކުރެވޭ ކުށްވެރިންގެ ގާނޫނީ ވަކީލުންނަށްދާ ބޭފުޅުންނަށް ދޭން ޖެހޭ އުޖޫރަ ދެމުން ގެންދަނީ ވަގަށް ނަގާ ފައިސާ އިން ނުވަތަ ފޭރިގެންފައިވާ ފައިސާ އިން ކަމަށް ވެސް ބެލެވޭ ކަމަށެވެ. އަދި ގިނަ ފަހަރަށް މިގޮތަށް އަންޔަން ކުރެވޭ ގިނަ ވަކީލުންނަށް ނުވަތަ އަދި ކުށްވެރިންނަށް އައްޔަން ކުރެވޭ ވަކީލަކީ ނުވަތަ ކުށްވެރިއަކީ ކޮބައިކަން ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވަކީލުންނާއި ކުށްވެރިން ނުވަތަ ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންނާ ގުޅިގެން ކުށުގެ ވެށީގައި ހިންގާ ބޮޑެތި އަމަލުތައް ހިންގުން ހުއްޓުވޭނެ ހައްލެއް ކަމަށް ނަޝީދު ވިދާޅުވެފައި ވަނީ ވަކިކަހަލަ ސީރިއަސް ބޮޑެތި ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހެއްގެ ވަކީލާއި އޭނާއާ ދެމެދު ދެކެވޭ ވާހަކަތައް އެކަހެރި މާހައުލެއްގައި ދެއްކި ނަމަވެސް، އެ ވާހަކަތައް ރިކޯޑުކުރެވޭނެކަން އެ މީހުންނަށް އެންގުމާ އެކު، އެ ވާހަކަތައް ރިކޯޑުކުރަމުން ދިޔުން ކަމަށެވެ. އަދި އެ ދެ މީހުންގެ މެދުގައި ގާނޫނުގެ ބާރު ކަނޑުވާލުމުގެ މަސައްކަތެއް ނުވަތަ ގާނޫނަށް އޮޅުވާލުމުގެ މަސައްކަތްތެއް ނުވަތަ އިންސާފް ގާއިމު ކުރުމަށް ހުރަސް އެޅުމުގެ މަސްކަތެއް ކުރެވޭ ކަމަށް ޝައްކު ކުރެވޭ ނަމަ ކޯޓެއްގެ އަމުރެއްގެ ދަށުން އެ ރިކޯޑު ކުރެވޭ ވާހަކަ އަޑުއަހައި ބެލޭނެ ގޮތެއް ހޯދިދާނެ ކަމަށާއި އަދި އަޅަން ޖެހޭ ފިޔަވަޅުތައް އެޅިދާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ ޤާނޫނު އަސާސީ އިން ކަށަވަރުކޮށްދެނީ، ވަކީލެއްގެ އެހީތެރިކަން ހޯދައި ލިބިގަތުމުގެ ޙައްގު ކަމަށާއި ކުށުގެ ތުހުމަތުކުރެވޭ މީހާ އެ ޙައްޤުގެ ބޭނުންކޮށްގެން ހޯދާ ވަކީލާއި އޭނާގެ މުވައްކިލާ ދެމެދު ހިނގާ މުޢާމަލާތްތަކާއި ވާހަކަތަކަކީ، ސިއްރުވާންޖެހޭނެ އެއްޗެއް ކަމަކަށް ޤާނޫނު އަސާސީ ނުބުނާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް މުހިންމު ގާނޫނީ ގިނަ ބިލްތަކެއް ހުށަހަޅުއްވާފައިވާ ކުޅަދާނަ ގާނޫނީ ވަކީލު ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކުގައި ވަކީލާއި މުވައްކިލާ ދެމެދު ހިނގާ ވާހަކަތައް ސިއްރުގެ ގޮތުގައި ހިފަހައްޓަނީ ޤާނޫނެއްގެ ދަށުން ކަމަށާއި ނުވަތަ ޤާނޫނީ އުސޫލެއްގެ ދަށުން ކަމަށެވެ. އެއީ ވެސް ވަކި ދާއިރާއެއްގެ ތެރޭގައި ކަމަށާއި ޤާނޫނަށް އޮޅުވާލަން އުޅޭކަމަށްވާ ނަމަ، އެ ވާހަކަތަކަކަށް އެ ސިއްރު ހިފެހެއްޓުމުގެ އުސޫލެއް ނުހިނގާނެ ކަމަށެވެ.

"އަޅުގަނޑަކީ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރޭގައި އުޅޭ ވަކީލެއް ނޫން. އެކަމަކު، ސަންސެޓް ބިލް ހެދި އިރު، ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން ހަރުކުލައިގެ މީހުން އެއްވެތިބެ، ކުށުގެ ވެށި ޙައްލު ނުވެގެންއުޅޭ ސަބަބުތަކުގެ ވާހަކަ ދައްކާތަން އަޅުގަނޑަށް ފެނިފައިވޭ. ދޮޅުއަހަރު ފަހުން، މިހާރު ވެސް، އެބޭފުޅުން ދައްކަވަނީ ހަމަ އެވާހަކަ. މި ލިޔުމުގައިވާ ވާހަކަތަކަކީ އެ ބޭފުޅުންގެ ކިބައިން ލިބިފައިވާ މައުލޫމާތުގެ މައްޗަށް ލިޔެފައިވާ ލިޔުމެއް." ނަޝީދުގެ ބުލޮގްގައިވާ ލިއުމާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވެފައިވެ އެވެ.