08 Oct 2012, 09:22
ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ރައީސާ، ޝަހިންދާ އިސްމާއީލް އެ ކޮމިޝަނުން އިސްތިއުފާދިނުމަށް ނިންމަވައި އިސްތިއުފާގެ ސިޓީ ކޮމިޝަނަށް ހުށަހަޅުއްވައިފި އެވެ.
ޝަހިންދާ މިއަދު ވިދާޅުވީ ކޮމިޝަނުން އެކަމަނާ އިސްތިއުފާ ދެއްވީ މިހާރު ކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ދަނީ ކޮމިޝަންގެ މަގުސަދުތަކާއި އެއްގޮތަށް ކަމަށް ގަބޫލު ނުކުރެއްވޭތީ ކަމަށާއި ކޮމިޝަންގެ މެންބަރުންގެ އަގުލަބިއްޔަތުން ނިންމާ ނިންމުންތަކާ މެދު އޭނާ ހިތްހަމަޖެހިވަޑައިނުގަންނަވާތީ ކަމަށެވެ.
"މިހާރު ކޮމިޝަނަކީ އަޣުލަބީޔަތުން ކަންކަން ނިންމާ ކޮމިޝަނެއް. އަޅުގަނޑުމެންގެ ގާނޫނުގައި އޮންނަނީ މިހެން. ދެން އެހެން އޮންނައިރު އަޅުގަނޑުގެ ހިޔާލާ ކޮމިޝަންގެ އެހެން މެމްބަރުންގެ ހިޔާލާ ބޮޑެތި ކަންކަމުގައި ވަރަށް ބޮޑަށް ހިޔާލު ތަފާތު ވެގެން މިދަނީ. އެހެންވީމާ އެތަނުގައި ހުރެގެން އިތުރަށް އަޅުގަނޑަކަށް މާ ބޮޑު ބޭނުންތެރި މަސައްކަތްތަކެއް ކުރެވިދާނެ ކަމަށްކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ. ދެން އެހާ ބޮޑު ހިޔާލު ތަފާތުވުމެއް ކަންކަމުގައި ހުރީމައި،" ޝަހިންދާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮމިޝަނުން އިސްތިއުފާ ދެއްވި ނަމަވެސް ކޮމިޝަންގެ އެހެން މެމްބަރުންނާއި އެއްވެސް މައްސަލައެއް ޖެހިފައި ނުވާނެ ކަމަށާއި އޮފީހުގައި މަސައްކަތް ކުރެއްވި އެންމެ ފަހު ދުވަހާ ޖެހެންދެން ވެސް ކޮމިޝަނުގައި މަސްކަތް ކުރެއްވީ ވަރަށް އެކުވެރި މާހައުލެއްގައި ކަމަށެވެ. ހަމައެކަނި އޮތް މަސަލައަކީ ކޮމިޝަންގެ ބޮޑެތި ކަންތައްތައް ނިންމާ އިރު އޮންނަ ބޮޑެތި ހިޔާލު ތަފާތުވުންތައް ކަމަަށް ވެސް އޭނާ ވިދާޅުވި އެވެ. ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން އެންމެ ފަހުން ނެރުނު ރިޕޯޓު ތަކުން އެކަން ހާމަވެގެންދާނެ ކަމަށް ޝަހިންދާ ވިދާޅުވި އެވެ.
އެކަމަނާ އިސްތިއުފާ ދެއްވީ މަތީ ތައުލީމު ހާސިލްކުރެއްވުމަށް ބޭރަށް ވަޑައިގަންނަވަން ބޭނުންފުޅުވެގެން ކަމަށްވެސް އަޑުތައް ފެތުރުނެވެ. ނަމަވެސް ޝަހިންދާ ވިދާޅުވީ އެއީ ދޮގެއް ކަމަށާއި ކިޔަވާ ވިދާޅުވާން ނުވަތަ ބޭރަށް ވަޑައިގަންނަވަން ނޫޅުއްވާ ކަމަށެވެ.
އިސްތިއުފާޔާ ގުޅިގެން ކޮމިޝަންގެ ނައިބް ރައީސް އަބްދުﷲ ވަހީދު ސަން އޮންލައިން އަށް ވިދާޅުވީ ޝަހިންދާ އިސްތިއުފާގެ ސިޓީ ލިބިިވަޑައިގަތުމުން ވަރަށް ބޮޑު ހައިރާން ކަމެއް ލިބިވަޑައިގެންނެވި ކަމަށެވެ. ސަބަބަކީ އެ ކަމަނާ އިސްތިއުފާ ދެއްވުމުގެ ކުރިން ކޮމިޝަންގެ މަސްކަތްތަކާއި ދޭތެރޭ ހިއްހަމަ ޖެހިވަޑާއި ނުގަންނަވާ ވާހަކަ ވިދާޅުވެފައި ނުވާތީ ކަމަށް ވަހީދު ވިދާޅުވި އެވެ.
ނަމަވެސް މިއަހަރުގެ އޮގަސްޓް މަހު އެކަމަނާގެ ފިރިކަލުން، ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް ރާއްޖެއިން ބޭރަށް ކިޔަވާ ވިދާޅުވާން ވަޑައިގަންނަވާތީ ފިރިކަލުންނާއި އެކު ދާން ބޭނުންވާތީ މަގާމުން އިސްތިއުފާ ދެއްވާނެ ވާހަކަ ހިއްސާ ކުރައްވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ޝަހިންދާ އިސްތިއުފާދެއްވިއިރު އެކަމަނާގެ ފިރިކަލުން ޝަމީމްވެސް ވަނީ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުން އިސްތިއުފާދެއްވައިފަ އެވެ. އޭނާ އިސްތިއުފާދެއްވީ މަތީ ތައުލީމު ހާސިލްކުރެއްވުމަށް ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ބޭނުންވެގެން ކަމަށް ޕީޖީގެ އޮފިޝަލަކު ރޭވަނީ ވިދާޅުވެފަ އެވެ.