ދެ ފަހަރަށް އެންގުމުންވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޯޓަށް ހާޒިރުވެފައި ނުވާތީ ހައްޔަރުކޮށްގެން ކޯޓަށް ގެންދަން ހުޅުމާލޭ ކޯޓުން ފުލުހުންނަށް އަމުރުނެރެފައިވާތީ އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމަށް އެމްޑީޕީން ގޮވާލައިފި އެވެ.

އެ ޕާޓީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މީގެ ކުރިންވެސް ޕާޓީގެ ގައުމީ ހިންގާ ކޮމެޓީން ނިންމާފައިވާ ގޮތަށް ރައީސް ނަޝީދު ބަންދުކޮށް ޝަރީއަތް ހިންގުމާއި ދެކޮޅަށް އެމީހަކު ތިބި ތަނަކުން އިހުތިޖާޖު ފަށަން ގޮވާލާ ކަމަށެވެ.

"މިޕާޓީގެ އެންމެހައި މެމްބަރުންނާއި ޕާޓީގެ ގުނަންތަކުންނާއި މިޕާޓީއަށް ހެޔޮއެދޭ އެންމެހައި ފަރާތްތަކުން، މި ޕާޓީގެ ޤައުމީ ހިންގާ ކޮމެޓީން މީގެކުރިން ނިންމާފައިވާ ނިންމުމާ އެއްގޮތްވާގޮތުގެމަތިން ފުޅާދާއިރާއެއްގައި އެބަޔަކު ތިބިތަނަކުން އިޙްތިޖާޖުކުރުމަށް ގޮވާލަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން ދެކުނުގެ އަތޮޅުތަކަށް ކުރާ "ވައުދުގެ ދަތުރުގައި" ރައީސް ނަޝީދު ފުރުއްވީ ކޯޓުގެ ހުއްދަ ނެތި މާލޭން ބޭރަށް ވަޑައިނުގަތުމަށް އަންގާފައި ވަނިކޮށް އެއްވެސް ހުއްދައެއް ނެތި ކޯޓަށް ޗެލެންޖް ކުރެއްވުމަށްފަހު އެވެ. އެމްޑީޕީން ބަޔާނުގައި ބުނެފައިވަނީ ނަޝީދު ހައްޔަރުކުރާތީ ވައުދުގެ ދަތުރުގެ ކުރިއަށް އޮތް ބައިގައިވެސް ގިނަ ބަޔަކު ބައިވެރިވާން ގޮވާލާ ކަމަށެވެ.

ހުޅުމާލޭ ކޯޓުގެ އަމުރާ މެދު ކަންބޮޑުވުން ފާޅުކުރަމުން އެ ޕާޓީން ބުނެފައިވަނީ ގިނަ ސަޕޯޓަރުންނާއި އެކު ނަޝީދު ކެމްޕޭނުގައި ހުންނަވަނިކޮށް ހައްޔަރުކުރުމަކީ "މަސްލަހަތު ހަމަޖެހޭނެ ގޮތެއް ނޫން" ކަމަށެވެ.

"... ރިޔާސީ ކެމްޕޭނަށް ހުރަސް އެޅުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުކަމަށް ބުނާ ތަނުން ތަކުރާރުކޮށް މަސައްކަތްކުރާކަން މި ޕާރޓީން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އެގޮތުން ރައީސް ނަޝީދު ހިފާ ހައްޔަރުކޮށްގެން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުކަމަށް ބުނާ ތަނަށް ޙާޟިރުކުރުމަށް މޯލްޑިވސް ޕޮލިސް ސަރވިސްއަށް އަމުރުކޮށް އަދި އެގޮތުގެ މަތިން ފުލުހުން ރައީސް ނަޝީދު ގެންދިއުމަކީ މިޕާޓިން އެއްގޮތަކަށްވެސް ބަލައިގަންނާނެ ކަމެއް ނޫނެވެ،" ބަޔާނުގައިވެ އެވެ.

ކުރިއެކޭވެސް އެއްގޮތަށް ހުޅުމާލޭ ކޯޓުގެ ގާނޫނީ ސައްހަކަމާ މެދު ސުވާލުއުފައްދަމުން އެމްޑީޕީން ބުނެފައިވަނީ އެ ކޯޓުގެ ސައްހަ ކަމާ މެދު ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލައެއް ހައިކޯޓުގައިވެސް ކުރިއަށްދާ ކަމަށެވެ.

" ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު ކަމަށް ބުނާ ތަނަކީ އެތަނުގެ ޤާނޫނީ ޞައްޙަކަމާމެދު ސުވާލު އުފެދި އެކަން ކަނޑައެޅުމަށް މީގެ ކުރިންވެސް ސުޕްރީމް ކޯޓަށް ހުށައަޅައި އެމައްސަލައާމެދު އަދި ވަކިގޮތެއް ނިންމާފައިވެސް ނުވާ ތަނެކެވެ. އަދި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުކަމަށް ބުނާ ތަނުގެ ޤާނޫނީ ޞައްޙަކަމާމެދު ހައިކޯޓުގައި ރައީސް ނަޝީދުގެ ފަރާތްޕުޅުންވެސް ގޮތެއް ކަނޑައެޅުމަށް މައްސަލަ ހުށައަޅައި އިސްތިއުނާފުގެ މަރުޙަލާ ހިނގަމުންނެވެ،" ބަޔާނުގައިވެ އެވެ.

ނަމަވެސް ހައިކޯޓުން މިއަދު ބުނެފައިވަނީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅުއްވި އެ މައްސަލަ އެ ކޯޓުން ބަލައި ނުގެން އަބުރާ ފޮނުވާލާފައިވާ ކަމަށެވެ.

ކޯޓުގެ އެ އަމުރާ ގުޅިގެން ފުލުހުން ބުނެފައިވަނީ ރައީސް ނަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން ކުރަން ޖެހޭ ކަންތައްތައް ކުރަމުން އަންނަ ކަމަށާއި އެކަމާ ގުޅޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ. ރައީސް ނަޝީދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ފުލުހުންނަށް އަމުރުކޮށްފައިވަނީ އަންނަ އަންގާރަ ދުވަހުގެ ހަވީރު 4:00 ޖަހާއިރަށެވެ.