07 Oct 2012, 22:55
ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މާގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އޮފިޝަލަކު މިރޭ ވިދާޅުވީ ޝަމީމް އިސްތިއުފާ ދެއްވީ ރާއްޖެއިން ބޭރުގައި މާސްޓާސް އަށް ކިޔަވާ ވިދާޅުވުމަށް ސްކޮލަޝިޕެއް ލިބިވަޑައިގަތުމުން ކަމަށެވެ.
ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި ޝަމީމް މިހާރު ހުންނެވީ ކްރިމިނަލް ލޯގެ ދާއިރާއިން މަތީ ތައުލީމް ހާސިލު ކުރެއްވުމަށް އިނގިރޭސި ވިލާތުގަ އެވެ.
ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ކަމުގެ މަގާމަށް ޝަމީމް އައްޔަން ކުރައްވާފައި ވަނީ ފެބްރުއަރީ 4، 2009 ގައެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނުގައި ބުނާގޮތުން ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަން ކުރުމުގެ ބާރު ލިބިގެންވަނީ ޕްރޮސެކިއުޓާ ޖެނެރަލް އަށެވެ. ނަމަވެސް އެ މަގާމަށް މީހަކު އައްޔަން ކުރުމާއި ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ދިނުމަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނަށް އިސްލާހެއް ހުށަހަޅުއްވާފަ އެވެ.