އަނިޔާވެރިގޮތަކަށް އަވަހާރަކޮށްލި އުނގޫފާރު ދާއިރާގެ މެންބަރުކަން ކުރެއްވި ޑރ. އަފްރާޝީމް އަލީގެ ހަދާނުގައި މަޖިލީހުން ބާއްވަން އުޅުނު ތައުބީނުގެ ޖަލްސާ، މަޖިލީހުގެ ހާއްސަ ޖަލްސާއަކަށް ބަދަލުކޮށް އަފްރާޝީމްގެ އާއިލާއަށް މަޖިލީހުގެ މަތީ ޝަރަފު ދޭން ނިންމައިފި އެވެ.

މިއީ އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންހަށް ފަހު މި ޝަރަފު ލިބޭ ފުރަތަމަ ފަހަރެވެ. މަޖިލީހުގެ ފަރާތުން އަފްރާޝީމްގެ ތައުބީންގެ ޖަލްސާއެއް ބާއްވަން ނިންމާފައި އޮތީ މާދަމާ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ ހޯލުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިރޭ ވިދާޅުވީ އަފްރާޝީމްގެ ހަނދާނުގައި މަޖިލީހުގެ ފަރާތުން އިސްލާމީ މަރުކަޒުގައި ބާއްވަން ނިންމި ތައުބީންގެ ޖަލްސާ ނުބާއްވާގޮތަށް މިހާރު ނިންމާފައިވާ ކަމަށާއި އަފްރާޝީމްގެ އާއިލާވެސް ބައިވެރިވާ ގޮތަށް މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބާއްވަން މިހާރު ނިންމާފައިވާ ކަމަށެވެ.

"މަޖިލީހުގެ ޚާއްސަ ޖަލްސާއަކަށް ބަދަލުކޮށްގެން އަފްރާޝީމްގެ އާއިލާއަށް އަރުވަންޖެހޭ އެންމެ ޝަރަފްވެރިކަން އެރުވެން އޮތީ. އެއީ މަޖިލީހުގެ މާލަމުގައި ޖަލްސާ ބާއްވައިގެން. މަޖިލީހުގެ މާލަމަށް ވަދެވަޑައިގަތުމުގެ ހުއްދަ މަޖިލީހުގެ ގަވާއިދުން ދީފައި އޮތް ބޭފުޅުން ފިޔަވައި، އެހެންބޭފުޅުންނަށް ހުއްދަ އެއީ މަޖިލީހުން އަރުވާ ޝަރަފެއް. އިންޑިއާގެ ބޮޑުވަޒީރަށް އެރުވި ކަހަލަގޮތަށް. އެހެންވީމަ އެގޮތަށް އަފްރާޝީމްގެ އާއިލާއަށް އެޝަރަފް އަރުވަންވެގެން އެގޮތަށް ޖަލްސާ ބާއްވަން މަޖިލީހުގެ އިދާރާއިން ނިންމައި މަޖިލީހުގެ ޚާއްސަ ޖަލްސާއަކަށް އެ ޖަލްސާ ބަދަލުކުރެއްވީ،" ނާޒިމް ވިދާޅުވި އެވެ.

އެ ޖަލްސާއަކީ މަޖިލީހުގެ ހާއްސަ ޖަލްސާއަކަށް ވާތީ ޖަލްސާގައި ވާހަކަދައްކަވާނީ މަޖިލީހުގެ މެންބަރުންނާއި އަދި އަފްރާޝީމްގެ އާއިލާއިން ބޭނުންވާނަމަ އާއިލާގެ ފަރާތުން މަޖިލީހާ މުހާތަބުކޮށް ވާހަކަދެއްކުމުގެ ފުރުސަތު އެ އާއިލާއަށް އޮންނާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެގޮތަށް ނިންމާފައި ވަނީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކާ މެދު މިއަދު މަޝްވަރާ ކުރުމަށް ފަހު ކަމަށާއި އަފްރާޝީމްގެ އާއިލާއަށް ޖަލްސާއަށް ވަދެވަޑައިގަތުމުގެ ހުއްދައިގެ ލިޔުން ފާސްކުރުމަށް ބުދަ ދުވަހުގެ ޖަލްސާއަށް އެ މައްސަލަ މިހާރު އެޖެންޑާކޮށްފައިވާ ކަމަށެވެ. އެ ޖަލްސާ ބާއްވާނޭ ތާރީހެއްވެސް މަޖިލީހުން ފާސްކުރާނީ އެ ދުވަހު އެވެ.