07 Oct 2012, 22:03
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލުތަށް ހުށަހެޅޭނެ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހުކުރަން މަޖިލީހުގެ އާންމު ކޮމެޓީން މިއަދު ނިންމައިފި އެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާ ބިލްތަށް ހުށަހަޅަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީގެ މެންބަރެކެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކުގެ ގައުމީ އިއްތިހާދު ޕާޓީގެ މެންބަރަކު މަޖިލީހުގައި މިހާރު ނިއިންނަވަ އެވެ.
މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހަމަދު ނާޒިމް މިރޭ ވިދާޅުވީ މިއަދު ބޭއްވި އާންމު ކޮމެޓީގެ ޖަލްސާގައި މެންބަރުންގެ އަޣުލަބިއްޔަތުން ނިންމަވާފައި ވަނީ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން މަޖިލީހުގައި ސަރުކާރު ތަމްސީލްކުރާނެ ކަމަށް ސަރުކާރުން ނިންމައި ޕާޓީތަކަކީ "ސަރުކާރު ނިސްބަތްވާ ޕާޓީ"ގެ ގޮތުގައި ކަޑައެޅުމަށެވެ.
"މި ހިނގައިގެން އުޅޭކަންތައްތަކާ ގުޅޭ ގޮތުންނާއި ސަރުކާރުން އެހެނިހެން ގޮތްގޮތުން ވެސް ބޭނުންވާ ބިލުތައް ހުށަހެޅުމަށް މި އިސްލާހުގެ ސަބަބުން ސަރުކާރަށް ހުރަހެއް ނޯންނާނެ، ކުރިން އެ އޮތް ހުރަސް ނެތިގެންދާނެ،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަންނަ ބުދަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާ ކުރައްވާނެ ކަމަށެވެ. ކޮމެޓީގެ ނިންމާ ނިންމުންތައް ފާސްވާނީ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން މެންބަރުންގެ އަޣުލަބިއްޔަތުން އެ ނިންމުން ފާސްވުމުންނެވެ.
މަޖިލީހުގެ ގަވާއިދަށް އެ އިސްލާހު ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދެވެ.