ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާއި ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ދެ ދުވަހު ޝެޑިއުލްކޮށްގެންވެސް އޭނާ ހާޒިރުވެވަޑައިނުގަތުމުން ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހުޅުމާޅޭ ކޯޓުން ފުލުހުންގެ މައްޗަށް މިއަދު އަމުރުނެރެފި އެވެ.

ފުލުހުން ބުނީ ހުޅުމާލޭ ކޯޓުން އަމުރުކޮށްފައިވަނީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން އަންނަ އަންގާރަ ދުވަހުގެ ހަވީރު 4:00 ޖަހާއިރަށް ކޯޓަށް ހާޒިރުކުރުމަށެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އެ އަމުރާ އެއްގޮތަށް ރައީސް ނަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ކުރަން ޖެހޭ މަސައްކަތް ފުލުހުން މިހާރު ފަށާފައިވާ ކަމަށާއި އެ އަމުރާއި އެއްގޮތަށް ފުލުހުން އަޅަންޖެހޭ ފިޔަވަޅުތަށް އަޅާނެ ކަމަށެވެ.

އެ އަމުރު ނެރެފައިވަނީ ބަންދުގައި ބަހައްޓައިގެން މީހުން ކޯޓަށް ހާޒިރުކުގެ ގަވާއިދުގެ 17 ވަނަ މާއްދާގެ ދަށުންނެވެ. އެ ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ) ގައި ބުނަނީ ކޯޓަށް ހާޒިރުކުރަންޖެހޭ ފަރާތެއް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަކީ، އެންމެ މަސްލަހަތު ރަނގަޅު ގޮތްކަމަށް ކޯޓަށް ފެންނަ ހާލަތްތަކުގައި، ޑީޕީއާރްއެސް އާއި ފުލުހުން ނުވަތަ ބަންދު ކުރުމުގެ ބާރު ލިބިފައިވާ އެހެން އިދާރާއެއް މެދުވެރިކޮށް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް "ކޯޓަށް ހާޒިރުކުރުމުގެ އަމުރު" ނެރުމުގެ އިޚުތިޔާރު ކޯޓަށް ލިބިގެންވާކަމަށެވެ.