ތޫނު އެއްޗަކުން ހަމާލާ ދިނުމަށް ފަހު އަވަހާރަކޮށްލާފައިވާ ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ އާއިލާ އަށް އެހީވުމުގެ ގޮތުން ކުއްލީޔަތުލް ދިރާސާތުލް އިސްލާމީޔާގެ ދަރިވަރުން އިސްނަގައިގެން މިއަދު ފަންޑް ފޮއްޓެއް ހުޅުވައިފި އެވެ.

ކުއްލީޔާގައި ބޭއްވި ރަސްމީޔާތެއްގައި ފަންޑް ފޮށި ހުޅުއްވައި ދެއްވީ ކުއްލިއްޔާގެ ރެކްޓާ ޑރ. އިބްރާހިމް ޒަކަރީޔާ މޫސާ އެވެ.

ފަންޑް ފޮށި ހުޅުއްވައި ދެއްވުމަށް ފަހު ރެކްޓާ ދެއްކެވި ވާހަފުޅުގައި ވިދާޅުވީ މިއަދު ހުޅުވުނު ފަންޑް ފޮއްޓަކީ ކުއްލިއްޔާގައި މިހާރު ތަޢުލީމް ހާސިލް ކުރަމުން އަންނަ ދަރިވަރުން އިސްނަގައިގެން އެ ދަރިވަރުންގެ އެދުމުގެ މަތިން އަލްމަރުހޫމް ޑރ. އަފްރާޝީމްގެ އާއިލާ އަށް އެހީވުމުގެ ގޮތުން ހުޅުވުނު ފަންޑެއް ކަމަށެވެ. އަދި އޭނާ ވިދާޅުވީ ދަރިވަރުން އިސްނަގައިގެން އެފަދަ ފަންޑެއް ހުޅުވުމަށް ޖެހުނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ ސަބަބުން ދަރިވަރުންނަށް ލިބުނު ފުން ހިތާމައެއްގެ ސަބަބުން ކަމަށާއި އަދި ދަރިވަރުންގެ ހިތްތަކުގައި އުސްތާޒެއްގެ ގޮތުން ޑރ. އަފްރާޝިމް އަށް ދެވިފައިވާ ހާއްސަ ގަދަރަކާއި ލޯތްބެއްގެ ބޮޑުކަމުން އެ މަރުހޫމްގެ އާއިލާ އަށް އެހީވުމުގެ ގޮތުން ކަމަށެވެ.

މީގެ އިތުރުން ޒަކަރީއްޔާ ވިދާޅުވީ ކުއްލީޔާގެ ދަރިވަރުންގެ އިތުރުން އާންމު ހުރިހައި ރައްޔިތުންނާއި އަދި ޑރ. އަފްރާޝީމް އަލީ އަށް ހެޔޮ އެދިވަޑައިގަންނަވާ ހުރިހާ ފަރާތްތަކަކުން ވެސް އެ ފަންޑަށް އެހީވެދެއްވުމަކީ އޭނާގެ އަދި ވަކިން ހާއްސަކޮށް ކުއްލީޔާގެ ދަރިވަރުންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

ޒަކަރީއްޔާ ވިދާޅުވީ އެ ފަންޑް ހުޅުވިފައި ހުންނަނީ މިއަދުން ފެށިގެން 10 ދުވަސް ވަންދެން ކަމަށާއި އަދި ފަންޑްގެ މުއްދަތު ފަންޑަށް ތަރުހީބް ލިބެމުންދާ މިންވަރަކަށް ބެލުމަށް ފަހު އިތުރު ކުރާނެ ކަމަށެވެ.