އިސްލާމްދީނަށް ފުރައްސާރަކޮށް ސަޕޯޓަރުން އަޑުއުފުލި މައްސަލައިގައި ސްޕެއިނަށް ފީފާއިން އަދަބުދީފި
އިސްލާމްދީނަށް ފުރައްސާރަކޮށް ސަޕޯޓަރުން އަޑުއުފުލި މައްސަލައިގައި ސްޕެއިނަށް ފީފާއިން އަދަބުދީފި

މިދިޔަ މާޗު މަހު މިޞްރާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ސަޕޯޓަރުން އިސްލާމްދީނަށް ފުރައްސާރަކޮށް އަޑުއުފުލި މައްސަލައިގައި، ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަން 20،000 ޑޮލަރުން ޖޫރިމަނާކޮށް، ކުރިއަށް އޮތް އެކުވެރިކަމުގެ މެޗުގައި ސްޓޭޑިއަމްގެ ބައެއް ބަންދުކުރަން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން އަމުރުކޮށްފިއެވެ.

އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ބާސެލޯނާ ކައިރީގައި ހުންނަ އެސްޕަނިޔޯލްގެ އާރުސީޑީއީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި، ސްޕެއިންގެ ބައެއް ސަޕޯޓަރުން ވަނީ "ފުންމައިނުގަންނަ މީހަކީ މުސްލިމެއް" ކަމަށް ގޮވައި ދެ ފަހަރެއްގެ މަތިން އަޑުއުފުލައިފައެވެ.

އެ މައްސަލައާ ގުޅިގެން މެޗު ކުރިއަށް ދިޔަ ވަގުތު ސްޓޭޑިއަމްގެ އެނައުންސަރު އިންޒާރު ދިނުމުގެ އިތުރުން، ތަފާތުކުރުންތަކާ ދެކޮޅަށް ސްކޯބޯޑުގައި މެސެޖުތައް ވެސް ދެއްކިއެވެ.

މި ހާދިސާއާ ގުޅިގެން ސްޕެއިންގެ ގައުމީ ޓީމުގެ މުސްލިމް ކުޅުންތެރިޔާ ލަމީން ޔަމާލް އޭރު ވަނީ އެ އަމަލު ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.

ސްޕެއިންގެ ސަޕޯޓަރުންތަކެއް..

އޭނާ ބުނީ އެއީ އެއްވެސް އިޙްތިރާމެއް ނެތް، ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެކަން ކުރީ ޖާހިލު އަދި ނަސްލީ ތަފާތުކުރުން ގެންގުޅޭ ބައެއް ކަމަށެވެ. މި މައްސަލަ ސްޕެއިންގެ ފުލުހުންނާއި ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވެސް ވަކިވަކިން ތަހުގީގުކުރިކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ފީފާގެ ތަހުގީގުގައި ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ދިފާއުގައި ބުނެފައިވަނީ "މުސްލިމް" މި ބަހަކީ ހުތުރު ނުވަތަ އިހާނެތި ބަހެއް ނޫން ކަމަށާއި، މި މައްސަލަ ބަލަންވާނީ ނަސްލީ ތަފާތުކުރުމުގެ މާއްދާގެ ދަށުން ނޫން ކަމަށެވެ.

ނަމަވެސް ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން އެ ދިފާއު ބަލައިނުގަނެ ނިންމީ، ވަކި ބަހެއް ސީދާ ހުތުރު ބަހެއްގެ ގޮތުގައި ނެތް ނަމަވެސް، މީހުންނަށް ދިމާކުރުމާއި ދަށްކޮށްލުމުގެ ގޮތުގައި އެ ބަސް ބޭނުންކުރުމުން އެއީ ތަފާތުކުރުމުގެ އަމަލެއްގެ ގޮތުގައި ބެލެވޭނެ ކަމަށެވެ.

އެހެންކަމުން ފީފާއިން ވަނީ ސްޕެއިން ފެޑެރޭޝަން ޖޫރިމަނާކުރުމުގެ އިތުރުން، އެ ޤައުމުގައި ދެން ކުޅޭ އެކުވެރިކަމުގެ މެޗުގައި ސްޓޭޑިއަމްގެ ޖާގައިގެ މަދުވެގެން 15 އިންސައްތަ ސީޓު ސަޕޯޓަރުންނަށް ނުވަދެވޭ ގޮތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.