ކ.ކާށިދޫގައި އިމާރާތް ކުރަމުން ދިޔަ ގެއެއްގެ ދެވަނަ ބުރިން ތިން ބިދޭސީއަކު ވެއްޓި އެކަކަށް ސީރިއަސް އަނިޔާތަކެއްވެއްޖެ އެވެ.

ކާށިދޫ ކައުންސިލް މެންބަރު އީސާ ހަލީމް މިއަދު ވިދާޅުވީ ދެ ބުރުއަށް ހަނދަމުން އަންނަ އެ އިމާރާތުގެ ދެ ވަނަ ބުރިން އެ ތިން ބިދޭސީވެސް ވެއްޓުނީ އެމީހުން މަސައްކަތް ކުރަން އަރާތިބި ފިލާގަނޑު ބިންދައިގެން ގޮސްގެން ކަމަށެވެ.

އީސަ ވިދާޅުވީ އޭގެ ތެރެއިން އެކަކު ވެއްޓުނު ވަގުތު ދަނގަޑުގަނޑެއް އޭނާގެ ދަތްދޮޅިއާ ދިމާލުން ހެރި، ދަނގަޑުގަޑު އަގަތެރެއަށް ވަދެފައިވާ ކަމަށެވެ. އަދި ވެއްޓުމުގެ ތެރޭގައި އުނަގަޑަށް ލިބުނު ގެއްލުމަކާ ގުޅިގެން އެ މީހާއަށް މިހާރު ކޮޅަށް ނުހުރެވޭ ކަމަށް އީސަ ވިދާޅުވި އެވެ.

އީސަ ވިދާޅުވީ އަނެއް ދެ ބިދޭސީނަށްވެސް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށާއި އެ ދެ މީހުނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށެވެ.

ކައުންސިލުން ބުނީ ތިން މީހުންނަށް ވެސް ސިއްހީ މަރުކަޒުން ފަރުވާދިނުމަށް ފަހު މެންދުރުގެ ވަގުތެއްގައި އެމީހުން މާލެ ގެނެސް އައިޗީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.