07 Oct 2012, 16:53
ރާއްޖޭގައި ހަރަކާތްތެރިވާ ބްރޯޑްކާސްޓަރު މީޑިއާގެ ފަރާތްތަކުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ބްރޯޑްކާސްޓް ކުރުމުގެ ދުވަހެއް ފާހަގަކުރަން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައިފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ އެ ދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކޮށް ރައްޔިތުންގެ މައުލޫމާތު މުއްސަދި ކުރުމުގައި ބްރޯޑްކާސްޓަރުން އަދާކުރާ ދައުރުގެ އަގު ވަޒަން ކުރުން ކަމަށެވެ. އަދި މި ސިނާއަތުގެ ކުރިއެރުމަށް ހިތްވަރުދިނުންވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ. މިއީ ރާއްޖޭގައި ބްރޯޑްކާސްޓިން ދުވަހެއް ފާހަގަކުރަން ނިންމި ފުރަތަމަ ފަހަރެވެ.
އެ ދުވަސް ފާހަގަކުރުމަށް ރާވާފައިވާ ގޮތުގެ ކަރުދާހުގެ ފުރަތަމަ ދެލި ކޮޕީ މިހާރުވަނީ ތައްޔާރުކޮށް ނިމިފައި ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ. އަދި އެ ދުވަސް ފާހަގަ ކުރާނެ ވަކިދުވަހެއް ނިންމާފައި ނުވާއިރު ބާއްވާނެ ބައެއް ހަރަކާތްތައް ވަނީ މިހާރުވެސް ރާވައިފަ އެވެ. އެގޮތުން ބްރޯޑްކާސްޓް ސްޓޭޝަންތަކުގެ އަހަރީ ރިޕޯޓް ނެރުމާއި، "ރާއްޖޭގައި ބްރޯޑް ކާސްޓް ކުރުމުގެ ކުރިމަގު" މި ނަމުގައި ފޯރަމެއް ބޭއްވުމާއި، ދުވަހުގެ މުނާސަބަތުގައި ކޮމިޝަންގެ ފަރާތުން ހަފްލާ އެއް ބޭއްވުމާއި، ބްރޯޑް ކާސްޓިން ދާއިރާއިން ބައިނަލް އަގްވާމީ ތަޖްރިބާ ހޯދާފައިވާ ފަރާތެއްގެ ޕްރެސެންޓޭޝަން އެއް ހުށަހެޅުމުގެ އިތުރުން ބްރޯޑްކާސްޓަރުން ނަށް އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ބްރޯޑްކާސްޓިން ދާއިރާއިން އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ އެންމެ މަގުބޫލު ޓީވީ ޗެނަލާއި، އެންމެ މަގުބޫލު ރޭޑިއޯ ޗެނަލާއި، އެންމެ މަގުބޫލު ޓީވީ ޕްރެޒެންޓަރުގެ އިތުރުން އެންމެ މަގުބޫލު ރޭޑިއޯ ޕްރެޒެންޓަރެވެ. އެވޯޑް ދޭ ފަރާތްތައް ހޮވާނީ އާންމުންގެ އެސްއެމްސްއިންނެވެ.