07 Oct 2012, 16:49
ހއ. ބާރަށު ކައުންސިލް އިދާރާގެ އެކައުންޓް ފްރީޒް ކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މައްޗަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން ކުރި އަމުރާ ގުޅިގެން މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދެވޭ ކަމަށް ކައުންސިލް އިދާރާ އިން ބުނެފި އެވެ.
ބާރަށު ކައުންސިލް އިދާރާގެ ރައީސް މުހައްމަދު ޝާފިޒު މިއަދު ވިދާޅުވީ ކޯޓުގެ އަމުރާ ގުޅިގެން އެކައުންޓް ފުރީޒް ކުރުމުން އަދި މުސާރަ ދެވިފައިނުވާ ކަމަށާއި ނަމަވެސް ބޭންކާ ވާހަކަ ދައްކައިގެން އެކަން ހަމަޖައްސަމުން އަންނަ ކަމަށެވެ. އަދި މިހާރު އެހެން އެކައުންޓަކަށް މުސާރަ ޖަމާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ގާތްގަނޑަކަށް އެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ވެސް ކައުންސިލްގެ ރައީސް ޝާފިޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ވަރަށް އަވަހަށް މުވައްޒަފުންގެ މުސާރައިގެ ކަންތައް ހަމަޖެހިގެންދާނެ ކަމަށެވެ.
ބާރަށު ކައުންސިލްގެ އެކައުންޓް ފުރީޒް ކުރަން އެ ރަށު ކޯޓުން މީގެ ދެހަފްތާ ކުރިން އެފަދަ އަމުރެއް ނެރެފައި ވަނީ ބާރަށު ރެހެންދި މޫވްމެންޓް ޖަމްއިއްޔާ އަށް އެ ރަށު ކައުންސިލުން ދޭންޖެހި ނުދީވާ ފައިސާތަކެއް ދިނުމަށް ރަށު ކައުންސިލްގެ މައްޗަށް އެ ރަށު ކޯޓުން ކުރި ހުކުމާ އެއްގޮތަށް އެ ފައިސާ ދައްކާފައި ނުވާތީ ހުކުމް ތަންފީޒު ކުރުމަށް އެޖަމްއިއްޔާ އިން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
އަދި ކައުންސިލްގެ އެކައުންޓް ފްރީޒް ކުރުމަށް ފަހު އެ އެކައުންޓް ބަލައި ޗެކްކޮށް އެކައުންޓް ނަންބަރާއި އެކައުންޓުގައި ހުރި ފައިސާގެ ތަފްސީލު ފޮނުވުމަށް ވެސް ބީއެމްއެލްގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.
އެ ރަށު ކޯޓުން މިދިޔަ ޑިސެމްބަރު ހަތް ވަނަ ދުވަހު ކައުންސިލްގެ މައްޗަށް ކުރި ހުކުމްގައި ބުނަނީ 2005 ވަނަ އަހަރާއި 2006 ވަނަ އަހަރު ތެލުގެ އަގު ބޮޑުވުމާ ގުޅިގެން އެ ރަށުގައި ކަރަންޓްގެ ޚިދުމަތް ދިން ދެ ކުންފުނީގެ ތެރޭގައި ރެހެންދި މޫވްމެންޓް ހިމެނޭ ކަމަށެވެ.
އަދި ކަރަންޓްގެ ޚިދުމަތް ދިން ދެ ކުންފުންޏަށް ސަބްސިޑީގެ ގޮތުގައި ސަރުކަރުން ދިން ފައިސާގެ ތެރެއިން ރެހެންދި މޫވްމަންޓަށް ލިބިފައިވާ 107،499ރ. ގެ އިތުރަށް ކައުންސިލުން އެޖަމްއިއްޔާއަށް ދޭންޖެހޭ 161،191ރ.، 20 ދުވަހުގެ ތެރޭގައި ދިނުމަށް ކައުންސިލްގެ މައްޗަށް ވަނީ ހުކުމްކޮށްފަ އެވެ.