07 Oct 2012, 16:43
ޔޫއޭއީގައި ކުރިއަށްދާ އޭސީސީ އެލީޓް ކްރިކެޓް މުބާރާތުގައި ރާއްޖެ ކުޅުނު ދެ ވަނަ މެޗުން ބަލިވެއްޖެ އެވެ.
ޑުބާއީގެ އައިސީސީ ގްލޯބަލް ކްރިކެޓް އެކަޑަމީގައި ކުޅުނު މިމެޗުން ރާއްޖެ ބަލިވީ އަފްގާނިސްތާނާ ދެކޮޅަށް ކުޅެ ހަ ވިކެޓުން ނެވެ.
އިއްޔެގެ މެޗުގެ ޓޮސް ދިމާވެގެން ރާއްޖެ އިން ކުޅެން އަރައި 44.2 އޯވަރުގެ ތެރޭ ހުރިހާ ކުޅުންތެރިން ނުބައިވެގެން ރާއްޖެ އަށް 143 ލަނޑު ހެދުނު އިރު، މެޗުގައި ރާއްޖެ އިން އެންމެ ރަނގަޅަށް ކުޅުނީ 46 ލަނޑު ހެދި އިޝާން ޖަޔަކޯޑީ އާއި 45 ލަނޑު ޖެހި މުހައްމަދު ރިޝްވާން އެވެ.
ނަމަވެސް އިއްޔެގެ މެޗުން މޮޅުވި އަފްޣާނިސްތާން ކުޅެން އަރައި 25.5 އޯވަރުގެ ތެރޭ 148 ލަނޑު ހެދިއިރު އެޓީމުން ނުބައިވީ ހަތަރު ކުޅުންތެރިންނެވެ.
މިމުބާރާތުގައި ރާއްޖެ މިދިޔަ ބުރާސްފަތި ދުވަހު ކުޅުނު ފުރަތަމަ މެޗުގައި ބޫޓާނާ ވަދަކޮށް މެޗް ކާމިޔާބު ކުރީ ހަ ވިކެޓުންނެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމުބާރާތުގައި ރާއްޖެ މިފަހަރު ހިމެނުނީ ގްރޫޕް އޭ ފަޅީގަ އެވެ. އެގޮތުން ރާއްޖެއާ އެކު މިގްރޫޕްގައި ދެން ހިމެނޭ އަނެއް ހަތަރު ގައުމަކީ އަފްގާނިސްތާން، މެލޭޝިޔާ، އޮމާން އަދި ބޫޓާނެވެ. މުބާރާތުގެ ގްރޫޕް ބީގައި ވާދަކުރާ ގައުމުތަކަކީ ނޭޕާލް، ހޮންކޮން، ޔޫއޭއީ ސައުދިއަރަބިއްޔާ އަދި ކުވައިތެވެ.
މިފަހަރުގެ މުބާރާތުގައި ވާދަކުރުމަށް ގައުމީ ކުރިކެޓް ސްކޮޑަށް 14 ކުޅުންތެރިން ތިބި އިރު، ޓީމުގެ ކެޕްޓަނަކީ މޫސާ ކަލީމެވެ. އަދި ޓީމުގެ ވައިސް ކެޕްޓަނަކީ އަހުމަދު އަފްޒަލް ފާއިޒެވެ.
ރާއްޖެ ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ އަބްދުﷲ ސާހިދު، މުހައްމަދު މަހުފޫޒް، އަހުމަދު ނަސީމް ނާސިރު، އިސްމާއީލް ނިހާދު، އިޝާން، ހުސާމް އިބްރާހިމް، ސަފްރާޒް ޖަލީލް، މިއުސަން ހާމިދު، މުހައްމަދު ރިސްވާން، ހަސަން އިބްރާހިމް، މުހައްމަދު އާޒަމް އަދި އަހުމަދު އަމީލް މައުރޫފު އެވެ.
ރާއްޖެޓީމުގެ މެނޭޖަރަކީ ފަރުހަތު ޖަލީލެވެ. އަދި ޓީމުގެ ކޯޗަކީ އަވައްޓެރި ލަންކާގެ ކޯޗެއް ކަމަށްވާބެރެންޑޮން ކުރުއްޕު އެވެ.
މިމުބާރާތުގައި ރާއްޖެ މިއަދު ކުޅޭ ތިން ވަނަ މެޗުގައި ނިކުންނާނީ މެލޭސިޔާއާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި އަންނަ އަންގާރަ ދުވަހު ރާއްޖެ ނިކުންނާނީ އޮމާންއާ ދެކޮޅަށެވެ.