ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާ މެމްބަރުކަން ކުރެއްވި އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ އާއިލާއާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއަދު ބައްދަލުކުރައްވައި ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ރައީސް ޑރ. މުހައްމަދު ވަހީދު ހަފްތާއެއްހާ ދުވަހު އެމެރިކާގައި ޗުއްޓީއެއް ހޭދަކޮށްލެއްވުމަށް ފަހު މިއަދު މެންދުރު ފަހު އެނބުރި މާލެ ވަޑައިގެން އެންމެ ފުރަތަމަ ވެސް ވަޑައިގެންނެވީ އަފްރާޝީމްގެ އާއިލާ ދިރިއުޅުއްވާ ހ. ފުންފުވިލު ގެއަށެވެ.

ރައީސް ވަހީދުގެ ދެކަނބަލުން އަފްރާޝީމްގެ އާއިލާއާ އެކު ގާތްގަނޑަކަށް ގަޑިއެއްހާއިރު ހޭދަކުރެއްވި އެވެ.

ރައީސް އޮފީހުން ބުނީ ޑރ. އަފްރާޝީމާގެ އާއިލާއާ އެކު ރައީސް ވަހީދު މިއަދު ބޭއްވެވި އެ ބައްދަލުވުމުގައި، ޑރ. އަފްރާޝީމް އަވަހާރަކޮށްލި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެ އެ އަމަލު ވަރަށް ބޮޑަށް ކުށްވެރި ކުރެއްވި ކަމަށެވެ. އަދި ޑރ. އަފްރާޝީމް ރައްޔިތުންގެ މަޖިލީހަށް ކޮށްދެއްވި ހިދްމަތްތަކާއި ގައުމަށާއި ރައްޔިތުންނަށް ދީނީ ރޮނގުން ކޮށްދެއްވި އަގުނުކުރެވޭ ފަދަ ހިދްމަތްތައް ވަރަށް ހާއްސަ ގޮތެއްގައި ވަޒަން ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އަފްރާޝީމް އަވަހާރަކޮށްލި ޚަބަރު ލިބިވަޑައިގަތުމާ ގުޅިގެން ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ރައީސް ވަހީދު ވިދާޅުވެފައި ވަނީ އެ ހަބަރު އެމަނިކުފާނަށް ލިބިވަޑައިގަތީ ފުން ހިތާމަ އާއި އަސަރާ އެކު ކަމަށާއި އެ އަމަލު ހިންގި ފަރާތްތައް ގާނޫނުގެ ކުރި މައްޗަށް ގެނައުމަށް ސަރުކާރުގެ ހުރިހާ ވަސީލަތެއް ބޭނުންކުރައްވާނެ ކަމަށެވެ.

ރައީސް ވަހީދު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ނެންގެވި ފުރަތަމަ ޗުއްޓީއަށް ފަހު މާދަމާ އިން ފެށިގެން ރަސްމީކޮށް އޮފީހަށް ނުކުމެވަޑައިގެންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.