07 Oct 2012, 16:27
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހަރަދު ކުރައްވައިގެން ގެސްޓް ހައުސްއެއް އެޅުމަށް ކާށިދޫން ބިމެއް ދޫކޮށްފައި އޮންނަތާ ފަސް މަސް ފާއިތުވެފައިވާ އިރު، ބިމުގެ ކުލި ހަތަރު މަހު ނުދައްކާ ކަމަށް ކައުންސިލުން ބުނެފި އެވެ.
ކާށިދޫ ކައުންސިލް މެންބަރު އީސާ ހަލީމް މިއަދު ވިދާޅުވީ ޖާބިރުގެ ހިއްސާ އޮންނަ "ޖޭ ހޮޓެލްސް"އަށް، ކާށިދޫ ދާއިރާގެ ބައި އިލެކްޝަން އިންތިހާބުގެ ދުވަސްވަރު ދޫކުރި ބިމުގެ ކުލި ދައްކާފައި ވަނީ ފުރަތަމަ މަހު އެކަނި ކަމަށެވެ.
"މެއި މަހު އެކަނި އޮތީ ކުލި ދައްކާފައި. ބިން ކައުންސިލުން ދޫކުރިތާ ފުރަތަމަ މަސް އެއީ. އޭގެ ފަހުން ފާއިތުވި ހަތަރު މަހު ކުލި ދައްކާފައެއް ނެތް، ފަސް ވަނަ މަސް މީ،" އީސަ ވިދާޅުވި އެވެ.
މަހަކު 15،000ރ. ބިމު ކުލީގެ ގޮތުގައި ކައުންސިލަށް ދައްކަން އެއްބަސް ވެގެން 101000 އަކަފޫޓުގެ ބިން ކައުންސިލުން ދޫކޮށްފައި އޮންނަތާ ފަސް ވުމާ ކައިރިވެފައިވާ އިރު ގެސްޓް ހައުސް އެޅުމުގެ އަމަލީ މާބޮޑެތި މަސައްކަތް ވެސް ކުރެވެމުން ނުދާކަމަށް ކައުންސިލުން ބުނެ އެވެ.
އީސަ ވިދާޅުވީ ބިމެއް ދޫކޮށްފައި އޮވެ ކުލި ދައްކަމުން ނުދާތީ އޭގެ ސަބަބުން ކައުންސިލަށް ގެއްލުންތައް ވަމުންދާ ކަމަށެވެ.
"ކައުންސިލަށް އެހެން ބޭނުންތަކަށް ވެސް އެ ބިން ދޫނުކުރެވި މިއޮތީ. އެ މަސައްކަތް ކުރިއަށް ނުގޮސް، އަދި ކުލިވެސް ނުލިބި މި ދަނީ. ކައުންސިލަށް ބޮޑެތި ގެއްލުންތަކެއް،" އީސަ ވިދާޅިވި އެވެ.
އީސަ ވިދާޅުވީ ބިން ދޫކޮށްފައިވާ މުއްދަތު 50 އަހަރަށް އިތުރުކޮށްދިނުމަށް ވެސް އެދިފައިވާ ކަމަށެވެ. މިހާރު އެ ބިން ދޫކޮށްފައި ވަނީ 10 އަހަރުގެ މުއްދަތަށް ކަމަށް އޭނާ ވިދާޅުވި އެެވެ.
ގެސްޓް ހައުސް އެޅުމަށް ދޫކޮށްފައިވާ ބިމަށް ކުލި ނުދައްކާ ކަމަށް ކާށިދޫ ކައުންސިލުން ދައްކާ ވާހަކައިގެ ހަގީގަތަކީ ކޮބައިތޯ ސަން އޮންލައިނުން ޖާބިރަށް ދެންނެވުމުން ވިދާޅުވީ، އެ މައްސަލައާ ބެހޭ ގޮތުން ކާށިދޫ ކައުންސިލުން ޖާބިރާ ނުގުޅާ ކަމަށެވެ.