07 Oct 2012, 16:22
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާއި ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތަށް އޭނާ ހާޒިރުވެވަޑައިނުގަތުމުން މިއަދުގެ ވެސް ޝަރީއަތް ކެންސަލް ކޮށްފި އެވެ.
މިއީ ނަޝީދު ހާޒިރުވެވަޑައިނުގަތުމުން ޝަރީއަތް ކެންސަލް ކުރި ދެވަނަ ފަހަރެވެ.
ހުޅުމާލޭ ކޯޓުން މިއަދު ބުނީ ނަޝީދު ހާޒިރުވެވަޑައިނުގަތުމުން މިއަދުގެ ޝަރީއަތް ކެންސަލްވީ ކަމަށާއި ދެން އެމައްސަލައިގައި އަމަލުކުރާނެ ގޮތެއް މާދަމާ އަންގާނެ ކަމަށެވެ.
ކޯޓުގެ ހުއްދަނެތި މާލެއިން ބޭރަށް ފުރައިގެން ނުދިޔުމަށް ހުޅުމާލޭ ކޯޓުން ނަޝީދަށް އަންގާފައި ވަނިކޮށް ކޯޓުގެ އެންގުމަށް ގޮންޖެއްސެވުމަށްފަހު ނަޝީދު ވަނީ ކެންޕޭން ކުރެއްވުމަށް ދެކުނުގެ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅު ފައްޓަވާފަ އެވެ.
ކުރީ ދުވަހުގެ ޝަރީއަތުގެ މަޖިލީހަށް ނަޝީދު ހާޒިރުވެވަޑައި ނުގަތުމުން އޭނާ ޝަރީއަތަށް ހާޒިރުކޮށް ދިނުމަށް ހުޅުމާލޭ ކޯޓުން ވަނީ ފުލުހުންނަށް އަމުރުކޮށްފަ އެވެ.
ފުލުހުން މިއަދު ބުނީ ޝަރީއަތަށް ހާޒިރުވެވަޑައިގަތުމަށް ނަޝީދު އެއްބަސްވެފައި ނުވާތީ ނަޝީދުގެ ނުރުހުމުގައި އޭނާ ޝަރީއަތަށް ހާޒިރުކޮށްދެވެން ނެތްކަމަށެވެ.