ބިދޭސިން ދިރިއުޅޭ އެކޮމަޑޭޝަން ބްލޮކަކުން ވައްކަންކުރަން އުޅުނުކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށް، މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވަނީ ރ. މަޑުއްވަރީއަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ ފިރިހެނެކެވެ. އޭނާ ބަންދުކޮށްފައިވަނީ ވައްކަންކުރުމުގެ ތުހުމަތުގައެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން އޭނާ ބަންދުކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވުމުންނެވެ.

އެގޮތުން ފުލުހުންގެ ހާދިސާ ރިޕޯޓު ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ. އެ ހާދިސާ ރިޕޯޓުގައި، ބިދޭސީން ބައިއްތިއްބާ އެކޮމަޑޭޝަން ބްލޮކަކަށް އޭނާ ވަދެ، ވައްކަން ކުރަން އުޅެނިކޮށް ހިފަހައްޓައި ފުލުހުންގެ ބެލުމުގެ ދަށަަށް ގެންގޮސްފައިވާކަން އެނގޭ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

އޭނާ ބަންދުގައި ބަހައްޓަންޖެހޭ ހާލަތެއް އޮތްކަމަށް ދެކޭކަަމަށް ކޯޓުން ބުނެފައިވަނީ އޭނާއަކީ ވައްކަންކުރުމުގެ ގިނަ ކުށްތަކެއްގެ ރެކޯޑު އޮތް މީހެއް ކަމަށްވުމުން، ބަންދުން ދޫކޮށްލައިފިނަމަ ކުށް ތަކުރާރުވެދާނެތީ ކަމަށް އަމުރުގައިވެއެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 15 ދުވަސް ޖަހާފައިވާއިރު އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ މި މަހުގެ 30 ވާ ހުކުރު ދުވަހަށެވެ.

ވައްކަމުގެ މިފަދަ މައްސަލަތައް މިހާރު ރާއްޖޭގައި ވަނީ އާންމުވެފައެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އެ މުއައްސަސާއަށް 9,907 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން އެފަދަ 2,751 މައްސަލަ ހުށަހަޅައިފައިވާ ކަމަށް ތަފާސްހިސާބުތަކުގައިވެއެވެ.