ޕްރެޒިޑެންޓްސް ކަޕް ފެށެން ދެ ދުވަހަށް ވެފައި ވަނިކޮށް ވީބީ އައްޑޫ އެފްސީގެ ކޯޗް ކަމުން ތުރުކީގެ ޖޭން ވަންލީ ވަކިކޮށްފި އެވެ.

ވަންލީ ކޯޗްކަމުން ވަކިކުރިން "ސަން އޮންލައިނަށް" ކަށަވަރު ކޮށްދެއްވަމުން އެ ޓީމްގެ މެނޭޖަރު އިބްރާހިމް ރަޝީދު (ސަތޯ) މިއަދު ބުނީ ވަންލީ ކޯޗް ކަމުން ވަކިކުރީ ކުލަބުގެ ބޯޑުމެންބަރުންގެ މަޝްވަރާގެ މަތިން ކަމަށެވެ. ނަމަވެސް ވަންލީ ވަކިކުރި ސަބަބުތަކެއް ސަތޯ ހާމައެއް ނުކުރެ އެވެ.

ސަތޯ ބުނީ، ކޯޗް ކަމުން ވަންލީ ވަކިކުރި ނަމަވެސް، ކުރިއަށް އޮތް ޕްރެޒިޑެންޓްސް ކަޕުގައި ޓީމަށް އިރުޝާދު ދިނުމަށްޓަކައި ދެން ހުންނާނީ އެސިސްޓެންޓް ކޯޗް މުހައްމަދު ޝާހިދެވެ.

ޕްރެޒިޑެންޓް ކަޕްގައި އަންނަ އަންގާރަ ދުވަހުގެރޭ ވީބީ ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ.

ނަން ނުޖެއްސުމަށް ޝަރުތުކޮށް ވީބީގެ އިސް އޮފިޝަލަކު ބުނީ، ވަންލީއާއި މެނޭޖަރު ސަތޯއާ ދެމެދު މައްސަލަތައް ޖެހެމުން އަންނަތާ ދުވެސް ކޮޅެއް ވެއްޖެ ކަމަށާއި އެހެން ކަމުން ވަންލީވެސް ޓީމުގެ ބައެއް ކަހަލަ ކަންތައްތަކުގައި މާބޮޑު އެއްބާރުލުމެއް ނުދޭ ކަމަށެވެ.

ވީބީގެ ކޯޗް ކަމުން ވަންލީ ވަކިކުރި އިރު، ވީބީ ވަނީ ވަންލީގެ ކޯޗް ކަމުގެ އިރުޝާދުގެ ދަށުން ގިނަ ގުނަ ކާމިޔާބީތައް ހޯދާފަ އެވެ. އެގޮތުން ފާއިތުވި ތިން އަހަރުގެ ދިރާގް ދިވެހި ލީގުވެސް ވަންލީގެ އިރުޝާދުގެ ދަށުން ވީބީން ހޯދިއިރު، މިދިޔަ އަހަރުގެ އެފްއޭކަޕްގެ ތަށި ވެސް ވީބީން ހޯދީ ވަންލީގެ ކޯޗް ކަމުގެ ދަށުންނެވެ.

ވަންލީ ވީބީގެ ކޯޗް ކަމާ ހަވާލުވީ 2010 ވަނަ އަހަރު އެވެ.