07 Oct 2012, 15:59
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ބަޖެޓަށް ވުރެ، 20 ޕަސެންޓް ބޮޑު، އަންނަ އަހަރުގެ މަޖިލިސް ބަޖެޓް އާންމު ކޮމެޓީން ދިރާސާކޮށް ފިނޭންސަށް ފޮނުވުމަށް ނިންމައިފި އެވެ.
އަންނަ އަހަރަށް ލަފާކުރާ 277 މިލިއަން ރުފިޔާގެ ބަޖެޓް ފިނޭންސުން ފާސްކުރަން ނިންމީ އާންމު ކޮމެޓީގެ ސަބް ކޮމެޓީން މަޖިލީހުގެ ބަޖެޓް ދިރާސާކޮށް ނިންމުމަށް ފަހު ކޮމެޓީ އަށް ފޮނުއްވި ރިޕޯޓަށް ރިޔާއަތް ކުރުމަށް ފަހު އެވެ. އެ ރިޕޯޓާ އެކު މަޖިލީހުގެ ބަޖެޓް ފާސްކުރީ ކޮމެޓީއަށް ހާޒިރުވި ހަތަރު މެންބަރުންގެ އިއްތިފާގުންނެވެ.
ކޮމެޓީގެ މުގައްރިރު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވި ކޮމެޓީން އެ ފާސްކުރުމުން، މަޖިލީހުގެ ބަޖެޓް ސެކްޝަނުން އެ ބަޖެޓް ވަރަށް އަވަހަށް ފިނޭންސަށް ފޮނުވާނެ ކަމަށެވެ.
މިއަހަރުގެ މަޖިލީހުގެ ބަޖެޓަކީ 230 މިލިއަން ރުފިޔާ އެވެ. ނަމަވެސް އަންނަ އަހަރު މަޖިލީހުގެ ހިންގުމަށް ހަރަދުވާނެ ކަމަށް ލަފާކޮށް، މަޖިލީހުގެ ބަޖެޓް ސެކްޝަނުން އާންމު ކޮމެޓީއަށް ހުށަހަޅާފައިވާ ބަޖެޓްގެ ޖުމްލަ އަދަދު 277 މިލިއަނަށް ރުފިޔާ އަށް އަރަ އެވެ. އެއީ މިއަހަރުގެ ބަޖެޓާ އަޅާ ބަލާއިރު 20 ޕަސެންޓް ބޮޑު އަދަދެކެވެ.
އާންމު ކޮމެޓީން ބުނެފައިވާ ގޮތުގައި އަންނަ އަހަރަށް ލަފާކުރާ މަޖިލީހުގެ ބަޖެޓް ބޮޑު ވަނީ މަޖިލީހުގެ އާ އިމާރާތް ބިނާކޮށް، އެ އިމާރާތައް ހޯދަންޖެހޭ ތަކެތި ހޯދަންޖެހޭތީ ކަމަށެވެ.
އަންނަ އަހަރަށް ލަފާ ކުރާ މަޖިލީހުގެ ބަޖެޓުގައިވާ ގޮތުން އާ އިމާރާތާ އެކު 27 މުވައްޒަފުން އިތުރަށް މަޖިލީހަށް ބޭނުންވެ އެވެ. އެއީ މަޖިލީހުގެ 13 އަށް ވުރެ ގިނަ ކޮމެޓީ އަށް ދެ މުވައްޒަފުންނަށް ވުރެ ގިނަ އިން އިތުރަށް ހޯދަންޖެހެ އެވެ.
އިތުރަށް މަޖިލީހަށް ވައްދާ މުވައްޒަފުންނާ އެކު ޖުމްލަ މުވައްޒަފުންގެ ހަރަދަށް 7.5 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބަޖެޓްގައިވެ އެވެ.
މުވައްޒަފުން ތަމްރީނު ކުރުމަށްޓަކައި 4.9 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް ބަޖެޓްގައި ޖަހާފައިވެ އެވެ. އޭގެ ތެރޭގައި ރާއްޖެ އިން ބޭރަށް ތިން މުވައްޒަފަކު ފޮނުވުމުގެ ފުރުސަތާއި ރާއްޖެ އިން ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު 16 މުވައްޒަފަކަށް ދޭތީ އެ މުވައްޒަފުންގެ ކިޔެވުމުގެ ހަރަދުގެ ފައިސާ ވެސް 4.9 މިލިއަން ރުފިޔާގެ ތެރޭގައި ހިމަނާފައިވެ އެވެ.
މަޖިލީހުގެ މިއަހަރުގެ ބަޖެޓަށް 230 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު، އުފެއްދުންތެރި މަސައްކަތެއް ނުކުރެވި ވޭތުވެދިޔަ އަށް މަސްދުވަހުގެ ތެރޭގައި މަޖިލީހުގެ ހަރަށް 113 މިލިއަން ރުފިޔާ ހަރަދުވެފައިވެ އެވެ. އެއީ ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން ތިން ވަނައަށް އެންމެ ގިނައިން ހަރަދު ކުރި ތަނެވެ.