މަސްތުވާތަކަތެތި ބޭނުން ކުރި މީހަކަށް ރިހެބިލިޓޭޝަން ފަރުވާ ދިނުމަށް ނޭޝަނަލް ޑްރަގް އެޖެންސީގެ މައްޗަށް ޑްރަގް ކޯޓުން އަމުރުކޮށްފި އެވެ.

މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ޑައިމޯފިން ޓްރެފިކް ކުރި ކަމަށް އަމިއްލައަށް އިއުތިރާފުވި މ.ފްރެންޑްޝިޕް އިބްރާހީމް ހަލީމް އަށް ރިހެބިލިޓޭޝަން ފަރުވާ ދިނުމަށް ނޭޝަނަލް ޑްރަގް އެޖެންސީގެ މައްޗަށް އަމުރުކޮށްފައި ވަނީ މިއަދު އެވެ.

މިއީ ޑްރަގް ކޯޓު އުފެދުނު ފަހުން އެ ކޯޓުން ކުރި ފުރަތަމަ ހުކުމެވެ.

ޑްރަގް ކޯޓުގެ އަމުރުގައި އޭނާ ލިބިގަންނަންޖެހޭ ފަރުވާކަމުގައި ބުނެފައި ވަނީ ނޭޝަނަލް ޑްރަގް އޭޖެންސީން ހިންގާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރުގެ ފަރުވާގެ ޕްރޮގްރާމާއި، ތިން މަސްދުވަހުގެ ކޮމިއުނިޓީ ރިހިބިލިޓޭޝަން (މުޖުތަމައު ތެރެއަށް ދޫކޮށްފައި ހުރެ ފަރުވާދޭ) ޕްރޮގްރާމެވެ.

މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ޑައިމޯފިން ބޭނުން ކުރިކަމަށް ހަލީމް އިއުތިރާފް ވެފައި ވާތީ އޭނާ ތިން އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމަށް ފަހު ކޯޓުން އެހެން ގޮތަކަށް ކަނޑައަޅަން ދެން ޖަލު ހުކުމް ތަންފީޒު ނުކޮށް ހިފެހެއްޓުމަށްވެސް މިއަދު ވަނީ އަމުރުކޮށްފަ އެވެ.

މި ހުކުމް ކުރައްވާފައި ވަނީ ޑްރަގް ކޯޓު ހިންގުމާއި ހަވާލުވެ ހުންނެވި ގާޒީ މަހާޒު އަލީ ޒާހިރެވެ.