07 Oct 2012, 15:24
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާއި ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުންކުރާ ދައުވާގެ ޝަރީއަތަށް އޭނާ ހާޒިރުވެފައި ނުވާތީ މިއަދު ބާއްވާ ޝަރީއަތުގެ މަޖިލީހަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައި ވިޔަސް ނަޝީދު ވަޑައިގަންނަވަން ބޭނުންނުވާތީ ޝަރީއަތަށް ހާޒިރުކުރެވެން ނެތް ކަމަށް ފުލުހުން މިއަދު ކޯޓަށް އަންގައިފި އެވެ.
އެކަން ފުލުހުން އިއުލާން ކުރީ ދާދިދެންމެއަކު ބޭއްވި ޕްރެސްކޮންފަރެންސްގަ އެވެ. ނަޝީދު ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވަނީ މިއަދު ހަވީރު 4:00 ޖަހާއިރަށެވެ.
ފުލުހުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލޭ ކޯޓުގެ އަމުރަކީ ނަޝީދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ކޮށްފައިވާ އަމުރެއް ނޫން ކަމަށާއި އެ އަމުރާ ގުޅިގެން ނަޝީދު ކޯޓަށް ހާޒިރުކުރެވޭނީ އޭނާގެ ރުހުމުގައި ކަމަށެވެ.
އާންމުގޮތެއްގައި ބަންދުގައި ބަހައްޓައިގެން މީހުން ކޯޓަށް ހާޒިރުކޮށް ދިނުމަށް ކޯޓުތަކުން ފުލުހުންނަށް އަމުރު ކުރާކަމަށާއި އެފަދަ އަމުރުތައް ކުރަނީ އެ ގަވާއިދުގެ 17 ވަނަ މާއްދާގެ ދަށުން ކަމަށް ވެސް ފުލުހުން ނެރުނު ބަޔާނުގައި ވެއެވެ.
"ގ. ކެނެރީގެ، މުހައްމަދު ނަޝީދު ކޯޓަށް ހާޒިރުކުރުމަށް ހުޅުމާލޭ ކޯޓުން މިސަރވިސްގެ މައްޗަށް ކޮށްފައިވާ އަމުރަކީ ކޯޓަށް މީހުން ހާޒިރުކުރުމާއި ބެހޭ ޤަވާއިދުގެ 5 ވަަނަ މާއްދާގެ (ށ) ގެ ދަށުން އަމަލުކުރުމަށް ކުރައްވާފައިވާ އަމުރަކަށްވާތީ އާއި އަދި އެއަމުރުގައި ބަޔާންކުރައްވާފައިވަނީ އެމަނިކުފާނު ހާޒިރުކުރުމަށް ކަމަށްވުމުން އެއަމުރުގެ ދަށުން އެމަނިކުފާނު ކޯޓަށް ހާޒިރުކުރެވޭނީ އެމަނިކުފާނުގެ ރުހުމުގައިކަމަށް މިސަރވިސްއިން ދެކެމެވެ،" ބަޔާނުގައިވެ އެވެ.