ކ. ގުރައިދޫގައި މިރޭ ދެ ދިވެހި ފިރިހެނުންގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި، އެކަކު ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ، ގުރައިދޫގައި ދެ މީހެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ އެކަކު ޒަޚަމްކޮށްލައިފައިވާ ކަމަށެވެ. އޭގެ ތެރެއިން އަނިޔާ ލިބުނު މީހާއަށް ފަރުވާ ދިނުމަށް ފުރަތަމަ ގެންދިޔައީ އެ ރަށު ސިއްހީ މަރުކަޒަށެވެ.

ފުލުހުން ބުނި ގޮތުގައި އެ މީހާ މިހާރު ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައެވެ. އަދި އެ މައްސަލައާ ގުޅިގެން މިހާރު އެކަކު ހައްޔަރުކޮށްފައިވާ ކަމަށް އެ މުއައްސަސާއިން މައުލޫމާތު ދިނެވެ.

އެ މައްސަލައިގައި ޝާމިލުވާ މީހުންނާއި، ޒަޚަމުވި މީހާގެ ހާލަތާ ގުޅޭ އިތުރު މައުލޫމާތެއް މިހާތަނަށް ފުލުހުންގެ ފަރާތުން ލިބިފައިނުވެއެވެ.

އައިޖީއެމްއެޗުން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި، ގުރައިދޫގައި ޒަޚަމުވި މީހަކަށް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދެއެވެ. އެމާޖެންސީގައި ފަރުވާ ދެމުން އަންނަ އެ މީހާއަކީ 31 އަހަރުގެ ފިރިހެނެއް ކަމަށް އައިޖީއެމްއެޗުން ހާމަކުރިއެވެ. ނަމަވެސް އެ މީހާގެ ހާލަތާ ގުޅޭ އިތުރު މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައިނުވެއެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އެ މުއައްސަސާއަށް 9,825 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި ހަމަލައެއް ދިނުމުގެ 517 މައްސަލަ ވެސް ހިމެނެއެވެ.