ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝިމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

ޝަހީދު ހުސެއިން އާދަމް ބިލްޑިންގްގެ ބޭރުގައި މިއަދު ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ހަސަން ހަބީބު ވިދާޅުވީ އަފްރާޝީމް މަރާލި މައްސަލައިގެ ތުހުމަތުގައި މިދިޔަ ހުކުރު ދުވަހު އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމީހާއާ ބެހޭ އެއްވެސް ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ.

ހަބީބު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި ނަމަވެސް މައްސަލައާ ގުޅޭ އިތުރު މައުލޫމާތުތަކެއް ހާމަކޮށްފި ނަމަ ތަހުގީގަށް ހުރަސްތަކެއް އެޅިގެންދާނެތީ އިތުރު މައުލޫމާތު ހިއްސާކުރެވެން ނެތް ކަމަށެވެ.

"މިހާތަނަށް މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ތަހުގީގަށް ދީފައިވާ މައުލޫމާތުގެ އަލީގައި ހާދިސާ ހިނގިތަނަށް ފޮރެންސިކް ޓީމްތައް ފޮނުވައިގެން އިތުރަށް ބެލިބެލުމުން ތަހުގީގަށް އިތުރު އެގީތެރިކަން ލިބޭނެ މައުލޫމާތުތަކެއް ވަނީ ލިބިފައި. ޓެކްނޮލޮޖީގެ އެހީގައި ވެސް އިތުރު ކުރިއެރުންތަކެއް ވަނީ ލިބިފައި،" ހަބީބު ވިދާޅުވި އެވެ.

ޑރ. އަފްރާޝީދު އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގަށް ބޭރު ދުނިޔޭގެ ކުރިއަރާގައިވާ ގައުމުތަކުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.

އަފްރާޝީމަށް ތޫނު އެއްޗަކުން ހަމަލާދީ އަވަހާރަކޮށްލައިފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅުއްވާ ހ. ފުންވިލުގެ ތެރޭގައި އޮއްވައި މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އެ މައްސަލައިގައި މިހާތަނަށް ފަސްް މީހަކު ހައްޔަރުކޮށްފައިވާ އިރު އޭގެ ތެރޭގައި އަންހެނަކު ވެސް ހިމެނެ އެވެ.