07 Oct 2012, 14:57
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާއި ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުންކުރާ ދައުވާގެ ޝަރީއަތަށް މިއަދު އޭނާ ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް ނެރުނު އަމުރު އިސްތިއުނާފު ކުރަން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓަށް ބަލައިގަނެވެން ނެތް ކަމަށް ނިންމައިފި އެވެ.
ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިން މިއަދު ވިދާޅުވީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމާފައި ވަނީ ހައިކޯޓުގެ ރަޖިސްޓްރާ ކަމަށާއި ރަޖިސްޓްރާގެ އެ ނިންންމުން ސްޕްރީމް ކޯޓުގައި އިލްތިމާސް ކުރުމަށް މިހާރު ނިންމާފައިވާކަމަށެވެ.
"ހައިކޯޓުގެ ރަޖިސްޓްރާ ނިންމަވާފައި ވަނީ އެ މައްސަލަ އެ ކޯޓަށް ބަލައިނުގަތުމަށް އެހެން ކަމުން އަޅުގަނޑުމެން މިހާރު ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ނިންމާފައި،" ހިސާން ވިދާޅުވި އެވެ.
ފުލުހުން އިއްޔެ ބުނެފައި ވަނީ ހުޅުމާލޭ ކޯޓުން ކޮށްފައިވާ އަމުރާ ގުޅިންގެން ނަޝީދު ކޯޓަށް ހާޒިރު ކުރެވޭނީ އޭނާގެ ރުހުމުގައި ކަމަށެވެ.
ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ ދައުވާގެ ޝަރީއަތް އިސްތިއުނާފު ކުރުމަށް ނަޝީދުގެ ގާނޫނީ ޓީމުން ހުށަހެޅި އިރު، ނަޝީދު ކެމްޕޭން ދަތުރެއްގައި ފުރާވަޑައިގެންފައި ވަނީ ކޯޓަށް ޗެލެންޖު ކުރެއްވުމަށް ފަހު އެވެ.
އަބްދުﷲ ގާޒީ ގާނޫނާއި ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ކޮށްފައިވަނީ ގާނޫނާއި ޚިލާފުގޮތަކަށް ކުށްނުކުރާ މީހަކު ގަސްތުގައި ހިފައި ހައްޔަރު ކުރުމުގެ ކުށުގެ ދައުވާ އެވެ.
ގާނޫނުލް އުގޫބާތުގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 2000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ ތިން އަހަރަށް ވުރެ ދިގުނޫން މުއްދަތަކަށް އަރުވާލުން ނުވަތަ ޖަލަށް ލުމެވެ.