މިސްރުގެ ވެރިކަމުގައި 30 އަހަރު ވަންދެން ހުންނެވި މުހައްމަދު ހުސްނީ މުބާރަކުގެ ވެރިކަން ނިމުމުން އެގައުމުގެ ގިނަ ބަޔަކު އެކަމާ އުފާކުރި އެވެ.

މުބާރަކުގެ ވެރިކަން ނިމި ސިފައިންގެ ވެރިކަމެއްގައި ދުވަސްތަކެއް ވޭތުވުމަށް ފަހު ބޭއްވި ފުރަތަމަ މިނިވަން އިންސާފުވެރި އިންތިހާބު ކާމިޔާބުކުރެއްވި މުހައްމަދު މުރުސީގެ ރިޔާސަތަށް އިއްޔެ ވަނީ 100 ދުވަސް ވެފަ އެވެ. އެކަން ފާހަގަކުރުމަށް އިއްޔެ ބޭއްވި ހަފުލާގައި ގާތްގަނޑަކަށް ދެގަޑިއިރުވަންދެން މުރުސީ ދެއްވި ތަގުރީރުގައި އޭނާގެ ފުރަތަމަ 100 ދުވަހުގެ ހިދުމަތްތައް ދިފާއު ކުރެއްވި އެވެ.

ނަމަވެސް ރިޔާސީ ވައުދުތަކުގެ ތެރެއިން ގިނަ ވައުދުތަކެއް ނުފުއްދިވާ ކަމާއި އެކަމަށްޓަކައި ގިނަ މަަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށް ވެސް އޭނާ އެއްބަސްވެވަޑައިގެންނެވި އެވެ.

"މިގައުމު، މިމީހުން، މި ސިފައިން، މިވެރިކަން، ރައީސް، މިސްރުގެ ދަރިން، އަހަރެެމެން އެންމެން މިހާރު މަސައްކަތް ކުރަމުން ދަނީ އެއްލަނޑު ދަނޑިއަކަށް، އެއީ އާ މިސްރެއް( ހޯދުން)" މުރުސީ ވިދާޅުވި އެވެ.

ގިނަ ކަންތައްތައްތަކެއް ހާސިލުވި ކަމަށް މުރުސީ އާއި އޭނާ ނިސްބަތްވެވަޑައިގަންނަވާ މުސްލިމް ބްރަދަހޫޑް ޕާޓީން ބުނި ނަމަވެސް، މުރުސީގެ ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން ބުނަނީ އޭނާ ވެސް ގެންގުޅުއްވަނީ ކުރީގެ ރައީސް ހުސްނީ މުބާރަކުގެ ސިޔާސަތުތަކާ އެއްގޮތް ސިޔާސަތުތަކެއް ކަމަށެވެ. އެގޮތުން މުރުސީއަށް ވަފާތެރި ގިނަ ބަޔަކު ސަރުކާރުގެ މަގާމްތަކަށް އިސްކުރަމުންދާ ދިއުން އެމީހުން ފާހަގަކުރެ އެވެ.

މުރުސީގެ ވެރިކަމަށް 100 ދުވަސް ފުރުން ފާހަގަކުރުމަށް އިއްޔެ އޮތް އިހުތިފާލުތަކުގައި 1973 ވަނަ އަހަރު މިސްރާ އިސްރާއީލާ ދެމެދު ކުރި ހަނގުރާމައިގެ އަހަރީ ދުވަސް ފާހަގަކުރުމާ ވެސް ގުޅުވައިގެން ބޭއްވި އަސްކަރީ ޕެރޭޑެއް އޮތެވެ. މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި އެ ޕެރޭޑްގެ އަނެއް ބޭނުމަކީ މުސްލިމް ބްރަދަހުޑްޕާޓީގެ ބާރު ދައްކާލުމެވެ.

ރިޔާސީ ވައުދުތަކުގެ ތެރެއިން އެކަށީގެންވާ ކުރިއެރުމެއް ނުލިބިވާ ކަންތައްތަކުގެ ގޮތުގައި މުރުސީ ފާހަކުރައްވާފައި ވަނީ ކުނީގެ މައްސަލަ ހައްލުކުރުމާއި ޓްރެފިކް މައްސަަލަ އާއި ހަކަތައިގެ މައްސަލަ ހައްލުކުރުމެވެ. ނަމަވެސް މުުރުސީ ވިދާޅުވަނީ އޭނާގެ ވައުދުތަކުގެ ތެރެއިން އެންމެ ފުރަތަމަ ކުރައްވަން ޖެހިވަޑައިގަންނަވާ އަސާސީ ގިނަ ކަންތައްތައް ފުރިހަމަ ކުރެއްވިފައިވާ ކަމަށެވެ.

މުރުސީ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމާ އެކު ގިނަ މައްސަލަތަކެއް އޭނާއާ އަށް ވާރުތައިން ލިބިވަޑައިގެންނެވި އެވެ. ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ހަލާކުވެފައިވާ އެގައުމުގެ އިގުތިސާދަކީ އެފަދަ އެއް މައްސަލަ އެވެ. އާމްދަނީގެ މުހިއްމު އެއް ވަސީލަތް ކަމަށްވާ ޓޫރިޒަމް ވަނީ ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން ގާތްގަނޑަކަށް ހުއްޓިފަ އެވެ.

އިގުތިސާދު ހަމައަކަށް އެޅުވުމުގެ ގޮތުން މިސްރުގެ ސަބްސިޑީގެ ނިޒާމު އޯވަހޯލްކުރުމަށް މުރުސީ ވަނީ ވައުދު ވަޑައިގެންފަ އެވެ. ދިހަ އަަހަރުވެފައިވާ އެނިޒާމަކީ މިސްރު ސަރުކާރުގެ ކޮނޑުގައި އެޅިފައިވާ އެންމެ ބޮޑު އެއް ބުރައެވެ.

މިސްރަށް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިކަން ހައްލުކުރުމަށް 4.8 ބިލިޔަން ޑޮލަރުގެ ލޯނެއް ހޯދުމަށް މުރުސީގެ ސަރުކާރުން ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގައި އެދިފައެވެ. ނަމަވެސް އޭނާ ވަނީ އިސްލާމީ ބޭންކިން ސިސްޓަމަށް ނޫނީ އަމަލުނުކުރައްވާނެ ކަމަށާއި އިންޓަރެސްޓްވެސް ބޭނުން ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
މުރުސީގެ ވެރިކަމަށް 100 ދުވަސް ވީ އިރު އޭނާއަށް ތާއީދުކުރާ ފަރާތްތަކާއި އޭނާއާ ދެކޮޅު ފަރާތްތަކުން ވެސް ރަނގަޅު ކަމެއް ކަމަށް ގަބޫލުކުރާ އެއްކަމެއް އޭނާ ވަނީ ކުރައްވާފައެވެ. އެއީ މިސްރުގެ ސިޔާސީ ދާއިރާގައި އޮތް ސިފައިންގެ ނުފޫޒު ނައްތަވާލެއްވުމެވެ. އެގޮތުން ޒަމާންވީ ގިނަ ޖެނެރަލުން ތަކެއް އޭނާ ވަނީ މަގާމުން ދުރުކުރައްވާފަ އެވެ.