އަނިޔާވެރި ގޮތަކަށް ހަމަލާދީ އަވަހާރަކޮށްލި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަށް މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވާ ފައިސާ ކޮންމެ މަހަކު ވެސް އެމަނިކުފާނުގެ އަނބިކަނބަލުންނާއި ތިން ދަރިންނަށް ދިނުމަށް މަޖިލީހުގެ އާންމު ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ އާންމު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި އަފްރާޝީމަށް މުސާރައިގެ ގޮތުގައި ލިބިވަޑައިގަތް 42500ރ. އާއި ލިވިން އެލަވަންސްގެ ގޮތުގައި ލިބިވަޑައިގަންނަވާ 20000ރ. ހަތަރު މައިނަށް ހަމަހަމައަށް ބެހުމަށެވެ.

އަފްރާޝީމްގެ އަންހެނުން ގުރައިޝާ މުހައްމަދު ޒަވާޖީ ހަޔާތެއް ފަށަންދެން އަފްރާޝީމްގެ މުސާރައިގެ ހަތަރު ބައި ކުޅަ އެއް ބައި އޭނާ އަށް ދިނުމަށާއި ހަތަރު ދަރިން ކަމަށްވާ އައްޔޫބު އަފްރާޝީމާއި ރުމައިޝާ އަފްރާޝީމްގެ އިތުރުން އައްޔާޝް އަފްރާޝީމުން ކުރެ، ކޮންމެ ދަރިއަކަށް މުސާރައިގެ ހަތަރު ބައި ކުޅަށް އެއްބައި ދިނުމަށެވެ. އެ ކުދިންނަށް އެ ފައިސާ ދޭނީ އުމުރުން 18 އަހަރުވަންދެން ކަމަށް އާންމު ކޮމެޓީން ނިންމާފައިވެ އެވެ. އަދި އެ ހަތަރު މައިންނަށް ހެލްތު އިންޝުއަރެންސް ދިނުމަށް ވެސް ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.

އަފްރާޝީމްގެ އާއިލާއަށް މާލީ އިނާޔަތް ދޭނެ އުސޫލު ހުށަހެޅުއްވީ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދެވެ. އޭނާގެ ހުށަހެޅުމަށް ތާއިދު ކުރެއްވީ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދެވެ.

އިލްހާމް ވިދާޅުވީ މަޖިލީހުގެ މެންބަރަކު މަރުވެއްޖެ ނަމަ ނުވަތަ އަނިޔާވެރި ހަމަލާއެއްގައި ހަމަލާއެއްގައި ފަރުވާދެމުންދަނިކޮށް މަރުވެއްޖެ ނަމަވެސް އިނާޔަތްތައް މަޖިލީހުން ދޭންވާނެ ކަމަށެވެ.

އަފްރާޝީމްގެ އާއިލާއަށް މާލީ އިނާޔަތް ދިނުމަށް މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި މިނިވަން މެންބަރުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ދެންނެވުމުން އެކަމުގެ ލަފަޔަކަށް އެދި އާންމު ކޮމެޓިއަ އަށް މައްސަލަ ފޮނުއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.