އިންޑިއާ ސަރުކާރުން ރާއްޖެ އަށް ދޭނެ ކަމަށް ބުނި 25 މިލިއަން ޑޮލަރުގެ ބަޖެޓް ސަޕޯޓް ލޯން އަދިވެސް ނުލިބޭ ކަމަށާއި އެކަމާ ހެދި ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ވަރަށް ބޮޑަށް ދަތިވާނެތީ ކަންބޮޑުވާ ކަމަށް ފިނޭންސް މިނިސްޓާ، އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާ ސަރުކާރުން މިދިޔަ އަހަރުގެ ތެރޭގައި ދޭން އެއްބަސްވި 100 މިލިއަން ޑޮލަރުގެ ލޯނުގެ ތެރެއިން ޓްރޭޑް ކްރިޑިޓަށް ކަޑައަޅާފައިވާ 50 މިލިއަން ޑޮލަރުގެ ތެރެއިން 25 މިލިއަން ޑޮލަރު ލޯނެއްގެ ގޮތުގައި ހަމަޖައްސަދޭން އިންޑިއާގެ ގުޅިފައިވާ ކެބިނެޓުން ވެސް ވަނީ މިދިޔަ މަހު ފާސްކޮށްފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ވެސް އެ ލޯނު ނަގަން ފިނޭންސަށް ވަނީ އެޕްރޫވަލް ވެސް ދީފަ އެވެ.

ނަމަވެސް ފިނޭންސް މިނިސްޓާ އަބްދުﷲ ޖިހާދު މިއަދު ސަން އޮންލައިނަށް ވިދާޅުވީ އެ ލޯނު އަދިވެސް ނުލިބޭ ކަމަށެވެ. އަދި އެ ލޯނު ލިބުން ލަސްވަނީ ކީއްވެތޯ ދެންނެވުމުން ޖިހާދު ވިދާޅުވީ "އިންޑިއާ ހައިކޮމިޝަނުން މިއަދު ފޯނުވެސް ނުނަގާ" ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ އިންޑިއާ ހައިކޮމިޝަނާ ވާހަކަ ދައްކަމުން ލޯނު ވީހާ ވެސް އަވަހަކަށް ހޯދަން،" ޖިހާދު ވިދާޅުވި އެވެ.

އެ ލޯނު ނުލިބިއްޖެ ނަމަ ކުރިއަށް އޮތް ދުވަސްތަކުގެ ދައުލަތުގެ ކޭޝްފްލޯ ވަރަށް ބޮޑަށް ތާށިވެ ދައުލަތުގެ ހަރަދުތައް ހަމަޖައްސަން ވަރަށް އުދަގޫވާނެ ކަމަށް ޖިހާދު ވިދާޅުވި އެވެ.

"މި ހާލަތު އޮތް ގޮތުން ވަރަށް ދަތިވެގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ސާކް ސަމިޓް ތެރޭގައި އިންޑިއާ އިން ދޭން އެއްބަސްވި 100 މިލިއަން ޑޮލަރުގެ ލޯނުގެ ތެރެއިން 25 މިލިއަން ޑޮލަރުގެ މީގެ ކުރިން އިންޑިއާ އިން ވަނީ ރާއްޖެ އަށް ދޫކޮށްފަ އެވެ. އަދި ބާކީ 25 މިލިއަން ޑޮލަރު ދިނުމަށް އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ވަނީ މި މަހު ކުރީކޮޅު އެގްރިމަންޓްގައި ސޮއިކޮށްފަ އެވެ.

އިންޑިއާ އިން ރާއްޖެ އަށް ދޫކުރާ 100 މިލިއަން ޑޮލަރަކީ 10 އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ނަގާފައިވާ ލޯނު ފައިސާ އެވެ. އަދި އެ ލޯނުގެ އިންޓަރެސްޓް ރޭޓަކީ އަހަރަކު 1.5 ޕަސެންޓެވެ.