14 Oct 2026, 09:20
ރާއްޖޭގެ މާލީ ހާލަތަށް އެހީތެރިވުމުގެ ގޮތުން އިންޑިއާއިން ހަމަޖައްސައިދީފައިވާ 320 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސްވަޕް އެއްބަސްވުމުގެ މުއްދަތު، ދިވެހި ސަރުކާރުން ރޯލްއޯވާކޮށްދޭން އެދިފައިވާކަން އެނގިއްޖެއެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި، މި ކަރަންސީ ސްވަޕްގެ މުއްދަތު ކުރިއަށް އޮތް ދިހަވަރަކަށް ދުވަހުގެ ތެރޭގައި ހަމަވާތީ އެ ފައިސާ އަނބުރާ ދައްކަންޖެހެއެވެ. ނަމަވެސް، ދިވެހި ސަރުކާރުން ވަނީ މި މުއްދަތު އިތުރުކޮށްދިނުމަށް ނުވަތަ ރޯލްއޯވާ ކޮށްދިނުމަށް އިންޑިއާ ސަރުކާރުގައި އެދިފައެވެ.
މިކަމާ ގުޅޭގޮތުން އިންޑިއާ ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް ބަޔާނެއް ނެރެފައި ނުވި ނަމަވެސް، ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރެވިފައިވެއެވެ. އަދި އެނގިފައިވާ ގޮތުގައި މި ސްވަޕްގެ މުއްދަތު ތިން މަހަށް ރޯލްއޯވާ ކޮށްދޭނެކަން ވަނީ ޔަގީންވެފައެވެ.
ދިވެހި ސަރުކާރަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދެމުންދާ އިގްތިޞާދީ އަދި މާލީ އެހީތެރިކަމުގެ ދަށުން، ރާއްޖެއަށް 320 މިލިއަން އެމެރިކާ ޑޮލަރު (30 ބިލިއަން އިންޑިއަން ރޫޕީސް) ދޫކުރުމަށް އިންޑިއާ ސަރުކާރުން އެންމެ ފުރަތަމަ ނިންމީ މި އަހަރުގެ އެޕްރީލް މަހުގެ 23 ގައެވެ.
މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން އެ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، "ސާކް ޤައުމުތަކަށް ޚާއްސަ ކަރަންސީ ސްވޮޕް އިންތިޒާމުގެ އޮނިގަނޑު" ގެ ދަށުން މި ފައިސާ ދޫކުރުމަށް ނިންމާފައިވަނީ މީގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކަމަށެވެ.
މި އެހީތެރިކަމަކީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އާއި ދިވެހި ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ލިބުނު މާލީ އެހީތެރިކަމެކެވެ.