07 Oct 2012, 13:32
ޖުމްހޫރީ ޕާޓީގެ ރަޖިސްޓާ ޖެނަރަލްގެ މަގާމުގައި ހުންނެވި މުހައްމަދު އިމްތިޔާޒް (އިންތި) އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލްގައި ވެސް ހިމެނިވަޑައިގަންނަވާ އިންތި، ރަޖިސްޓާ ޖެނަރަލް ކަމުގެ މަގާމުންނާއި ކައުންސިލް މެންބަރު ކަމުން އިސްތިއުފާ ދެއްވާފައިވާ ކަން އެ ޕާޓީ އޮފީހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އިންތި ރަޖިސްޓްރާ ޖެނެރަލްގެ މަގާމުން އިސްތިއުފާ ދެއްވާފައި މި ވަނީ ކޮރަޕްޝަންގެ ތުހުމަތަކާ ގުޅިގެން އޭނާ އެ މަގާމުން ސަސްޕެންޑްކޮށްފައި ވަނިކޮށެވެ.
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް ހަސަން ޝާހް މިއަދު ވިދާޅުވީ ޕާޓީގެ ރަޖިސްޓާ ޖެނަރަލްގެ މަގާމުނާއި ކައުންސިލް މެންބަރު ކަމުން އިންތި އިސްތިއުފާ ދެއްވުމަށް ފަހު، ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމަށް މިދިޔަ ހަފްތާފައި އިންތި ފޮނުއްވާފައިވާ ސިޓީއެއްގެ ކޮޕީ ލިބިފައިވާ ކަމަށެވެ.
ޝާހް ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ފެކްސް މެދުވެރިކޮށް އިންތި ފޮނުއްވާފައިވާ ސިޓީ އެ އޮފީހަށް ލިބުނު ކަމަށާއި އެހެން ނަމަވެސް އެ ސިޓީ ފޮނުވާފައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކަމަށް ވާތީ އެއާ މެދު ގޮތެއް ނިންމަވާނީ ގާސިމް ކަމަށެވެ.
ރަޖިސްޓާ ޖެނަރަލްގެ މަގާމުންނާއި ޕާޓީގެ ކައުންސިލް މެންބަރު ކަމުން އިސްތިއުފާ ދެއްވުމަށް ފަހު ސިޓީއެއް ފޮނުވާފައިވާނެ ކަން އިންތި ވެސް ވަނީ ސަން އަށް ކަށަވަރުކޮށްދީފަ އެވެ.
ފެލިވަރު ކުންފުނީގެ ޗެއާމަންގެ މަގާމުގައި ހުންނަވައިގެން ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ތަހްގީގު ކުރުމަށް ފަހު އޭސީސީން ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް ވަނީ ފޮނުވުމުން ފެލިވަރުގެ ޗެއާމަންކަމުން ވެސް އޭނާ ވަނީ ވަކިކޮށްފަ އެވެ. ނަމަވެސް އިންތި ވަނީ އޭނާއާ މެދު ކުރާ ކޮރަޕްޝަނުގެ ތުހުމަތަކަކީ ދޮގު ތުހުމަތުތަކެއް ކަމަށް ބުނެ އެވާހަކަތަކަށް ރައްދު ދެއްވާފަ އެވެ.