އިބްރާުހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭގެ ދެކުނު ކޮޅުން ދުއްވާފައި ދިޔަ ވޭނެއް ކޮންޓްރޯލް ނުކުރެވިގެން ގޮސް މޫދަށް ވެއްޓި ޑްރައިވަރަށް އެކިވަރުގެ އަނިޔާވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ މެންދުރު 11:30 އެހާކަންހާއިރު ހިނގި އެ ހާދިސާގައި ވޭން ވެއްޓުނީ ހުޅުލޭ ރަންވޭގެ އަތިރިމަގުން ދުއްވާފައި ދަނިކޮށް ކަމަށާއި ވޭން ވެއްޓުނީ ކޮންޓްރޯލް ނުކުރެވިގެން ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. ނަމަވެސް ކޮންްޓްރޯލް ނުކުރެވުނީ މަޑުން ދުއްވަނިކޮށް ކަމެއް ނުވަތަ ބާރަށް ދުއްވައިގެން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެހާދިސާ ހިނގިއިރު ވޭންގައި އިނީ ޑްރައިވަރު އެކަންޏެވެ. އޭނާއަށް ވަނީ ކޮންމެސް ވަރެއްގެ އަނިޔާތަކެއް ލިބިފަ އެވެ. ނަމަވެސް ސީރިއަސް އަނިޔާއެއް ނުލިބެ އެވެ. ވޭން މޫދަށް ވެއްޓިފައި އޮތްއިރު ވޭން އޮތީ ބަންޑުންޖެހިފަ އެވެ.

ފުލުހުން ބުނީ އެ ވޭނަކީ ޖީއެމްއާރުން އެއާޕޯޓް ތަރައްގީކުރުމުގައި ބޭނުންކުރާ ވޭނެއް ކަމަށާއި ވޭން ދުއްވަން އިނީ ދިވެއްސެއް ކަމަށެވެ. އެހާދިސާ ހިނގުމާ އެކު އެމީހާ ވޭނުން ބޭރަށް ނުކުމެފައި ވަނީ ވޭނުގެ ދޮރު ހުޅުވައިގެން އަމިއްލައަށް ކަމަށާއި ޖީއެމްއާރުގެ އެހީތެރިކަމާ އެކު އެ މީހާ މިހާރު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.