ސްޕެނިޝް ލަލީގާގެ އެލް ކްލެސިކޯ މެޗުގައި މިރޭ ރެއާލް މެޑްރިޑުން ބާސާއާއި ދެކޮޅަށް ނުކުންނަ މެޗުން ބަލިވެއްޖެ ނަމަ، ބޮޑު މައްސަލައަކާއި ކުރިމަތިވާނެކަމުގައި ބާސާގެ ކުރީގެ ތަރީ ޔޯހާން ކްރައިފް ބުނެފި އެވެ.

މިދިޔަ އޮގަސްޓް މަހު ކުޅުނު ސްޕެނިޝް ސުޕާ ކަޕްގައި މިދެ ކުލްބު ބައްދަލުކުރި މެޗު ކާމިޔާބުކުރީ މެެޑްރިޑުންނެވެ. ސުޕާ ކަޕްގެ ފުރަތަމަ ލެގު ބާސާއިން 3-2 ލަނޑުން ކާމިޔާބުކުރި ނަމަވެސް، މެޑްރިޑުން ދެވަނަ ލެގު ކާމިޔާބުކުރީ 2-1 ލަނޑުންނެވެ. އެގްރިގޭޓުން ދެކްލަބު އެއްވަރުވި ނަމަވެސް، މެޑްރިޑަށް ސުޕާ ކަޕް ކާމިޔާބުކުރެވުނީ އަމިއްލަ ދަނޑުގައި ބައިކޮޅަށް މަދު ލަނޑުތަކެއް ވަނުމުގެ ސަބަބުންނެވެ.

"ބާސާއާއި މެޑްރިޑް ކުޅޭ މެޗުގައި ވޭނެގޮތެއް އެކަކަށްވެސް ނޭނގޭނެ. ނަމަވެސް މެޑްރިޑް އޮތީ ބޮޑު ނުރައްކަލެއްގައި. އެމީހުން ބަލިވެއްޖެނަމަ، ބޮޑު މައްސަލައަކާއި ކުރިމަތިލާން ޖެހޭނެ. އެހެންކަމުން މިމެޗުން މޮޅުވާން ކުރެވެން ހުރި ހުރިހާ ކަމެއް މެޑްރިޑުން ކުރާނެ. ބާސާ އަތުން މެޑްރިޑް ބަލިވެއްޖެ ނަމަ، އެކުލަބުގެ ކޯޗް ހޯސޭ މޮރީނިއޯއަށް ބޮޑު ޕްރެޝަރަކާއި ކުރިމަތިލާން ޖެހޭނެ." ކްރައިފް ބުންޏެވެ.

މިދިޔަ ސީޒަންގެ ސްޕެނިޝް ލަލީގާގެ ޗެމްޕިއަން މެޑްރިޑް އޮތީ ލީގުގެ ހަވަނާގަ އެވެ. މިރޭގެ މެޗަށް މެޑްރިޑް ނުކުންނަން ޖެހޭނީ ޕޮއިންޓެއް ގެއްލުވާ ނުލާ މެޗުން މޮޅުވާންށެވެ. ބާސާގެ އަމިއްލަ ދަނޑުގައި ކުޅޭ މިމެޗް ފެށުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގަޑިން 22:50 ގައެވެ.