13 Oct 2026, 19:11
ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ މިއަހަރުގެ ނޭޝަނަލްޝޫޓިން ސްޕޯޓް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމުގެ ސުންގަޑި އިތުރުކޮށްފިއެވެ.
"ސަން" އަށް މައުލޫމާތުދެމުން އެސޯސިއޭޝަނުން ބުނީ ސުންގަޑި އިތުރުކުރީގިނަ އަދަދެއްގެ އާންމުންގެ އެދުމުގެ މަތިން ކަމަށެވެ. މުބާރާތުގައި ބައިވެރިވުމަށްފޯމުހުށަހެޅުމުގެ ސުންގަޑި މިހާރު ވަނީ މި އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައެވެ. ކުރިން އޮތީ މިމަހުގެ 5 ވަނަ ދުވަހަށް ހަމަވާ ގޮތަށެވެ.
ހުޅުމާލޭ ސްޕޯޓްސް ރޭންޖްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ފެށުމަށް ނިންމާފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 01 ވަނަ ދުވަހުއެވެ.
މާލޭ ޝޫޓިން ރޭންޖާއި ހުޅުމާލޭ ޝޫޓިން ރޭންޖުގައި މުބާރާތަށް ތައްޔާރުވުމުގެ ޓްރޭނިން ސެޝަންތައް މިހާރުވެސް ދަނީ ކުރިއަށެވެ.
މިއަހަރުގެ މުބާރާތަކީ ތާރީޚީ އަދި ޚާއްސަ ކަމަކީ މުޅިން އަލަށް ޕެރަލިމްޕިކް ކެޓަގަރީއެއް މި މުބާރާތުގައި ހިމަނާފައިވުމެވެ. މިއީ ރާއްޖޭގެ ޝޫޓިން ތާރީޚުގައިވެސް ފާހަގަކޮށްލެވޭ ކަމެކެވެ.
މި މުބާރާތުގައި ހިމެނޭ މައިގަނޑު ކެޓަގަރީތަކަކީ:
ޕްރޮފެޝަނަލް ކެޓަގަރީ
- ޖޫނިއާ ކެޓަގަރީ
- ޔޫތު ކެޓަގަރީ
- ޕެރަލިމްޕިކް ކެޓަގަރީ
- އެމެޗުއަރ ކެޓަގަރީ
މުބާރާތުގެ އިވެންޓްތައް އެއާ ރައިފަލް އަދި އެއާ ޕިސްޓަލް ބައިން ކުރިއަށްދާއިރު، ކޮންމެ އުމުރުފުރާއަކުން އަންހެން، ފިރިހެން އަދި މިކްސްޑް ޓީމު އިވެންޓްތަކުގެ އިތުރުން އަންހެން އަދި ފިރިހެން ވަކި މުބާރާތްތައް އޮންނާނެއެވެ.
ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނި ގޮތުގައި މިފަދަ މުބާރާތެއް އާންމުންނަށް ހުޅުވާލައިގެން ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ޝޫޓިން ކުޅިވަރު އިތުރަށް ފުޅާކޮށް، ޒުވާން އެތުލީޓުން ތަމްރީނުކޮށް ކުރިއެރުވުމެވެ.