ސްޕެނިޝް ލަލީގާ ނުވަތަ ސްޕެނިޝް ލީގް ފަށައިގެން ކުރިއަށްދާ އިރު، އުފެދެމުންދާ ސުވާލަކީ މިސީޒަންގެ ޗެމްޕިއަންކަން ހޯދަނީ ކޮން ކުލަބަކުން ބާ އެވެ. އަންނަ އަހަރު މެއިމަހު ލަލީގާގެ ޓްރޮފީ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ކާމިޔާބުކުރެވިދާނެތަ؟ ނުވަތަ ބާސެލޯނާ އިން އަލުން އެ ޓްރޮފީ މެޑްރިޑް އަތުން އަތުލަފާނެބާ؟ މި ސުވާލުގެ ޖަވާބު ހޯދުމަކީ އުނދަގޫ ކަމަކަށް ވާނެކަން ޔަގީނެވެ.

ލަލީގާއަކީ ޓެކްނިކަލް ގޮތުން ރީތި ފުޓްބޯޅައެއް ފެންނަމުންދާ ލީގެކެވެ. ދުނިޔޭގެ އެންމެ މޮޅެތި ދެކުޅުންތެރިންކަމަށްވާ ލިއޮނެލް މެސީއާއި ކްރިސްޓިއާނޯ ރޮނާލްޑޯ ނިސްބަތްވަނީ ލަލީގާގެ ދެކްލަބަކަށެވެ. މި ދެކުޅުންތެރިންނާ މެދު ވާހަކަދައްކާލާ އިރު، ގިނަ ބަޔަކަށް ބަހުސަކަށް ދާން މަޖުބޫރުވެ އެވެ. އެންމެ މޮޅު ކުޅުންތެރިޔާކީ މެސީތަ ނުވަތަ ރޮނާލްޑޯތަ؟

ދެކުޅުންތެރިންގެ ސަޕޯޓަރުން ހަމަ ޔަގީނުން ވެސް ބުނަމުންދާނީ އެކުޅުންތެރިއެއްގެ ސަޕޯޓްކުރާ ކުޅުންތެރިޔަކީ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށެވެ. މި ދެކުޅުންތެރިންނަކީ މުޅިން ތަފާތު ސްޓައިލްތަކަކަށް ކުޅެމުންދާ ކުޅުންތެރިންނެވެ. އެހެންކަމުން އެންމެ މޮޅު ކުޅުންތެރިޔާއަކީ ކާކުކަން ބުނުމަކީ އުނދަގޫކަމެކެވެ. ތަފާތު ދެ ސްޓައިލަކަށް ކުޅުމުގެ އިތުރުން މި ދެކުޅުންތެރިންނަކީ ލަލީގާގެ އެންމެ ވާދަވެރި ދެކްލަބަށް ނިސްބަތްވާ ދެކުޅުންތެރިންނެވެ.

މެސީގެ ސަޕޯޓަރުން ރޮނާލްޑޯއަށް ފާޑުކިޔަމުންދާ އިރު، ރޮނާލްޑޯއާއި މެސީއަކީ ތަފާތު ކުޅުމެއް ދައްކާ ދެކުޅުންތެރިންކަން މެސީގެ ސަޕޯޓަރުން އަދި ރޮނާލްޑޯގެ ސަޕޯޓަރުންނަށް ވެސް އެނގެން ޖެހޭނެ އެވެ. މެސީއަކީ ކުރީގެ ފުޓްބޯޅަ ތަރިއެއްކަމަށްވާ އާޖެންޓީނާ ފޯވާޑް ޑިއެގޯ މެރަޑޯނާއާއި އެއްގޮތަކަށް ކުޅޭ ކުޅުންތެރިއެއްކަމަށް ބުނަމުންދާއިރު، ރޮނާލްޑޯއަކީ ވަކި ކުޅުންތެރިއެއް ކުޅޭ ގޮތަށް ކުޅުންތެރިންތެރިއެއްކަން ބުނާ އަޑުއަހަނީ ކިތައް މީހުންތޯ؟ މެސީއަކީ ބޯޅަ ހިފައިގެން ކޮށްޓުމުގައި ހުނަރުތަކެއް ހުރި ކުޅުންތެރިއެކެވެ. އަދި ރޮނާލްޑޯއަކީ އޭނާގެ ސްޓައިލްގައި ބޯޅައާ އެކު ގިނަ ޖާދޫތަކެއް ދައްކާ ކުޅުންތެރިއެކެވެ.

ރޮނާލްޑޯއަކީ ވިންގަށް ނުވަތަ މިޑްފީލްޑަށް ކުޅޭ ކުޅުންތެރިއެކެވެ. ސްޓަރައިކަރެއް ނޫނެވެ. އެހެންކަމުން މެސީއަށް 2011-12 ސީޒަންގައި ރޮނާލްޑޯއަށް ވުރެ، ގިނަ ގޯލްތައް ކާމިޔާބުކުރެވުނީކަމަށް ބެލެވިދާނެ އެވެ. މެސީއަކީ ސްޓްރައިކަރަކަށްވާ އިރު، މެސީގެ ފަހަތުން ލަނޑު ލިސްޓްގައި ރޮނާލްޑޯ އޮތްނަމަ އެއީ ރޮނާލްޑޯއަށް ލިބޭ ބޯނަސް ޕޮއިންޓެކެވެ.

މެޑްރިޑްގައި ހުރެ ކުޑަ ދުވަސްކޮޅެއްގައި ރޮނާލްޑޯވަނީ މޮޅު ކުޅުމަކާއެކު ގިނަ ކާމިޔާބީތަކެއް ވެސް ހޯދާފަ އެވެ. ރޮނާލްޑޯއަކީ ލަލީގާގައި 92 މެޗުގައި 100 ގޯލް ކާމިޔާބުކުރި ދެވަނަ ކުޅުންތެރިޔާ އެވެ. އަދި އޭނާއަކީ ޖެހިޖެހިގެން ދެ ސީޒަންގައި 40 ގޯލަށް ވުރެ ގިނަ ގޯލް ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ. މި ކާމިޔާބީތައް ރޮނާލްޑޯ ހޯދީ ވިންގަށް ކުޅެގެންނެވެ. ސްޓްރައިކަރަކަށް ކުޅެގެންނެއް ނޫނެވެ. ބާސާއަށް ކުޅުނު 241 މެޗުން މެސީއަށް ކާމިޔާބުކުރެވުނީ 169 ގޯލް އެވެ. އެއީ ސްޓްރައިކަރަކަށް ކުޅެގެންނެވެ. މެޑްރިޑަށް ކުޅުނު 101 މެޗުން ރޮނާލްޑޯވަނީ 112 ގޯލް ކާމިޔާބުކޮށްފަ އެވެ.

ރޮނާލްޑޯއަށް ބަލައިލާ ނަމަ، އޭނާގެ ފުޓްބޯޅަ ކެރިޔަރު ހޭދަކުރީ ހަމައެކަނި މެޑްރިޑްގައެއް ނޫނެވެ. މެޑްރިޑާއި ގުޅުމުގެ ކުރިން ރޮނާލްޑޯވަނީ ޕޯޗުގަލް ސްޕޯޓިންގް ލިސްބަން އަދި އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށް ވެސް ކުޅެފަ އެވެ. އަދި އޭނާވަނީ މެޑްރިޑް އަދި ޔުނައިޓެޑްގައި ހުރެ ތަފާތު ދެލީގު ކާމިޔާބުކޮށްފަ އެވެ. ނަމަވެސް، މިހާތަނަށް ބަލައިލާ އިރު މެސީ ހަމައެކަނި ކުޅެފައިވާ ކްލަބަކީ ބާސާއެވެ.

ޝައްކެއްނެތް ގޮތުގައި ދުނިޔޭގައި މިވަގުތު އޮތް އެންމެ މޮޅު ކްލަބަކީ ބާސެލޯނާ އެވެ. ބާސާއަކީ އެންމެ މޮޅު ކްލަބަށް ހަދައިދިން ކުޅުންތެރިޔަކީ އެކުލަބުގެ ކުރީގެ ތަރި ރޮނާލްޑޯނިއޯ ކަމަށް ގިނަ ބަޔަކު ބުނަމުންދެ އެވެ. އަދި މިހާރު މެސީ ކުޅެމުން އެދަނީ އޭރު މެޑްރިޑްގެ މައްޗަށް ކުރި ހޯދައިދިން އެހީތެރިންގެ ކުރީގަ އެވެ.

މެސީއަށް އެހީތެރިވެދޭ ޒަވީ ހެނާންޑޭޒްއާއި އަންދްރޭސް އިނިއެސްޓާއަކީ ދުނިޔޭގައި ތިބި އެންމެ މޮޅު ދެ މިޑްފީލްޑަރުންނެވެ. ޒަވީއާއި އިނިއެސްޓާ ނެތް އިރެއްގައި މެސީއަށް އެހީތެރިވެދޭނީ ކޮން ކުޅުންތެރިއެއްކަމާ މެދު ގިނަބަޔަކު ވިސްނާނެކަށް ޔަގީނެވެ. އަދި އޭރުން މެސީގެ ކުޅުމަށް ވެގެންދާނީ ކިހިނެތްބާއޭ ހިތަށް އަރާނެ އެވެ.

ރޮނާލްޑޯއަކީ ޕޯޗުގަލްގެ ކުޅުންތެރިއެކެވެ. އާޖެންޓީނާ ކުޅުންތެރިއެކެވެ. ސައުތު އެމެރިކާގެ ގައުމެއްކަމަށްވާ އާޖެންޓީނާއަށް އުފަންވުމަކީ މެސީގެ ނަސީބެވެ. ރޮނާލްޑޯގެ އުފަން ގައުމު ޕޯޗުގަލްއަކީ ފުޓްބޯޅައިގެ އާޖެންޓީނާއަށް ވުރެ ފަހަތުގައި އުޅޭ ގައުމެކެވެ. އާޖެންޓީނާއަކީ ފުޓްބޯޅާގައި މަޝްހޫރު ގައުމެކެވެ. ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ބްރެޒިލްއަށް އުފަން ކުޅުންތެރިއެއްނަމަ، ދެން ކިހިނެތް ވެދާނެކަމާމެދު ވިސްނާލަމާތޯ؟

ގައުމީ ފެންވަރުގައި މެސީވަނީ 2008 ވަނަ އަހަރު ބެއިޖިންގްގައި ބޭއްވި އޮލިމްޕިކްސްއިން ރަން މެޑެލް ހޯދާފަ އެވެ. ނަމަވެސް މިއަހަރު ލަންޑަންގައި ބޭއްވި އޮލިމްޕިކްސްއަށް އާޖެންޓީނާ ކޮލިފައިކޮށްދިނުމަށް މެސީއަށް ނުކުޅެދިފައިވެ އެވެ. ވޯލްޑްކަޕް 2010 ގައި އާޖެންޓީނާއަށް ކުޅެ މެސީއަށް އެންމެ ލަނޑެއްވެސް ކާމިޔާބުކުރެވިފައެއް ނުވެ އެވެ. ގައުމީ ފެންވަރުގައި ރޮނާލްޑޯވަނީ ވޯލްޑްކަޕް 2010 ގެ ދެވަނަ ބުރާއި ހަމައަށް ޕޯޗުގަލް ގެންގޮސް ދިނުމަށް އެހީތެރިވެދީފަ އެވެ. އަދި ޔޫރޯ 2012 ގެ ކުއާޓަރ ފައިނަލަށް ޕޯޗުގަލް ގެންގޮސްދިނުގައި ރޮނާލްޑޯ އެހީތެރިވެދީފައިވެ އެވެ. ގައުމީ ފެންވަރަށް ބަލައިލާއިރު، ރޮނާލްޑޯ އުޅެނީ މެސީގެ ކުރީގަ އެވެ. އެއީ ޕޯޗުގަލްއަށް ކުޅެގެންނެވެ. މަޝްހޫރު އާޖެންޓީނާއަށް ކުޅެގެންނެއް ނޫނެވެ.

އެވޯޑްތަކަށް ބަލައިލާ އިރު، ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާކަން ރޮނާލްޑޯއަށް އެންމެ ފަހަރަކު ލިބިފައިވާ އިރު، މެސީވަނީ ޖެހިޖެހިގެން ތިންފަހަރު އެއެވޯޑް ކާމިޔާބުކޮށްފަ އެވެ. ނަމަވެސް 2010 ވަނަ އަހަރު ލިބުނު އެއެވޯޑަކީ މެސީއަށް ހައްގު އެއްޗެއް ނޫންކަމުގައި ގިނަބަޔަކު ބުނެފައިވެ އެވެ. މެސީއަށްވުރެ ރަނގަޅު ކުޅުމެއް އެއަހަރު ނެދަރލޭންޑްސް އަދި އިންޓަމިލާންގެ ވެސްލޭ ސްނައިޑާ ދައްކާފައިވާކަމަށް ގިނަބަޔަކު ބުނެފައިވެ އެވެ. ސްނައިޑާވަނީ އެއައަހަރުގެ ވޯލްޑްކަޕްގައި ނެދަރލޭންޑްސް ފައިނަލަށް ދަތުރުކޮށްދިނުމަށް އެހީތެރިވެދީ، އެމުބާރާތުގެ ބްރޮންޒް ބޯޅައާއި ދެވަނައަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދާފަ އެވެ. އަދި ސްނައިޑާގެ ހުނަރުވެރިކަމާ އެކު އެއަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގު އިންޓަމިލާނުން ހޯދާފައިވެ އެވެ.

މެސީއަށް ރޮނާލްޑޯއަށް ވުރެ ގިނަ އެވޯޑްތަކެއް ކާމިޔާބުކުރެވުނުކަން އެނގެން އެބައޮތެވެ. ނަމަވެސް އެއީ ބާސާގައި ހުރެ ލިބުނު އެވޯޑްތަކެކެވެ. އަދި ބާސާއަކީ ދުނިޔޭގެ އެންމެ މޮޅު ކްލަބެވެ. އެހެންކަމުން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަކީ ކާކުތޯ ބަލާލުމުގެ ކުރިން މި ހުރިހާ ކަމަކާމެދު ވިސްނާލަން ޖެހެ އެވެ.