އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ފަހަތުން އަރާ ޗެލްސީއާއި އާސެނަލް ކުރި ހޯދައިފި އެވެ. ޕްރެމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީވެސް ވަނީ ފަސޭހަކަމާ އެކު ސަންޑަލޭންޑްގެ މައްޗަށް ކުރި ހޯދާފަ އެވެ.

ޗެލްސީގެ އަމިއްލަ ދަނޑުކަމަށްވާ ސްޓެމްފަޑް ބްރިޖްގައި ނޮވިޗް ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ މޮޅުވީ 4-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ނޮވިޗްއަށް ކުރި ހޯދައިދިނީ އެ ޓީމްގެ ކެޕްޓަން ގްރޭންޓް ހޮލްޓް އެވެ. ނޮވިޗްއިން ލީޑު ހޯދިތާ ތިން މިނެޓް ފަހުން ޗެލްސީއަށް ނަތީޖާ ހަމަހަމަކޮށްދިނީ ފެނާންޑޯ ޓޮރޭސް އެވެ.

މެޗުގެ 22 ވަނަ މިނެޓްގައި ޗެލްސީއަށް ލީޑް ހޯދައިދިނީ ފްރޭންކް ލަމްޕާޑް އެވެ. ޗެލްސީގެ ތިން ވަނަ ލަނޑު މެޗުގެ 31 ވަނަ މިނެޓްގައި ކާމިޔާބުކޮށް ދިނީ އެ ޓީމްގެ ބެލްޖިއަމް ތަރި އެޑެން ހެޒާޑް އެވެ. މެޗުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ ޗެލްސީއިން ފުރަތަމަ ހާފް ނިންމާލީ 3-1 ލަނޑުން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފަށް ޗެލްސީ ނުކުތްއިރު ވެސް އެޓީމްގެ ކުޅުމަށް މާބޮޑު ތަފާތެއް ނާދެ އެވެ. އެގޮތުން އެޓީމުން ވަނީ ދެވަނަ ހާފްގެ ކުރީކޮޅު ނޮވިޗްގެ ގޯލަށް ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ. މެޗުގެ 76 ވަނަ މިނެޓްގައި ޗެލްސީގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމްގެ ޑިފެންޑާ ބްރާނިސްލާވް އިވަނޮވިޗް އެވެ. މިމެޗު ނިމިގެންދިޔައީ 4-1 ލަނޑުން ޗެލްސީ ކުރީގައި އޮވެގެންނެވެ.

ވެސްޓް ހާމްގެ އަމިއްލަ ދަނޑުގައި އާސެނަލް އިން ވަނީ ފަހަތުން އަރާ ކުރި ހޯދާފަ އެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާ ވެސްޓް ހާމްއަށް ލިޑް ހޯދައިދިނީ މުހައްމަދް ޑިއާމް އެވެ. ޑިއާމް މިލަނޑު ކާމިޔާބުކުރީ މެޗުގެ 21 ވަނަ މިނެޓްގަ އެވެ. މެޗުގެ ފުރަތަމަ ހާފް ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް އާސެނަލްއަށް ނަތީޖާ ހަމަހަމަކޮށްދިނީ މިސީޒަންގައި އެޓީމާ ގުޅުނު ފްރާންސް ފޯވާޑް އޮލިވާ ގިރޯޑް އެވެ. މެޗުގެ 77 ވަނަ މިނެޓްގައި ތިއޯ ވަލްކޮޓް އާސެނަލްއަށް ލީޑް ހޯދައިދިން އިރު، އެ ޓީމްގެ ތިން ވަނަ ލަނޑު މެޗުގެ 83 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސެންޓި ކާޒޯލާ އެވެ. މިމެޗު ނިމިގެންދިޔައީ 3-1 ލަނޑުން އާސެނަލް ކުރީގައި އޮވެގެންނެވެ.

މެންޗެސްޓަރ ސިޓީގެ އެއްތިހާދް ސްޓޭޑިއަމްގައި ސަންޑަރލޭންޑާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ 3-0 ލަނޑުންނެވެ. މެޗުގެ ފަސް ވަނަ މިނެޓްގައި ސިޓީއަށް ލީޑް ހޯދައިދިނީ އެލެކްސެންޑާ ކޮލަރޯވް އެވެ. މެޗުގެ 60 ވަނަ މިނެޓްގައި ސިޓީގެ ދެވަނަ ލަނޑު ސާޖިއޯ އަގުއެރޯ ކާމިޔާބުކޮށްދިން އިރު، އެ ޓީމްގެ ފަހު ލަނޑު މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ޖޭމްސް މިލްނާ އެވެ.

ލީގުގައި ރޭ އިތުރަށް ކުޅުނު މެޗުތަކަށް ބަލައިލާ އިރު، ވިގަންއިން ވަނީ ލީގުގެ ދެވަނާގައި އޮތް އެވަޓަން ހިފަހައްޓާފަ އެވެ. މިމެޗު ނިމުނީ 2-2 ލަނޑުން އެއްވަރުވެގެންނެވެ. ސްވަންސޭއާއި ރީޑީންގް ކުޅުނު މެޗުވެސް ނިމިގެންދިޔައީ 2-2 ލަނޑުން އެއްވަރު ވެގެންނެވެ. މިސީޒަންގައި މޮޅު ކުޅުމެއް ދައްކަމުންދާ ވެސްޓް ބްރޮމްއިން ވަނީ ކިޔުޕީއާރުގެ މައްޗަށް 3-2 ލަނޑުން މޮޅުވެފަ އެވެ.

ޕްރެމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލައިލާ އިރު، ނަވާރަ ޕޮއިންޓާ އެކު އެއްވަނާގައި އޮތީ ޗެލްސީ އެވެ. ފަނަރަ ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީ ދެވަނާގައި އޮތް އިރު، ސާދަ ޕޮއިންޓާ އެކު ތިންވަނާގައި އޮތީ އެވަޓަން އެވެ. ހަތަރު ވަނާގައި ވެސްޓް ބްރޮމް އޮތްއިރު، ފަސް ވަނާގައި އޮތީ އާސެނަލް އެވެ.