07 Oct 2012, 12:00
މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ނުކުންނަ އިދިކޮޅު ޓީމްތަކަށް މެޗުގެ ކުރީކޮޅު ލީޑް ހޯދުމަށް ފުރުސަތު ނުދިނުމަށް އެކުލަބުގެ އިނގިރޭސި ފޯވާޑް ވޭން ރޫނީ ޓީމްގެ ކުޅުންތެރިންނަށް ގޮވާލައިފި އެވެ.
މިސީޒަންގައި ޔުނައިޓެޑް ކުޅެމުންދާ ގިނަ މެޗުތަކަކުން ފާހަގަވެގެންދަނީ ޑިފެންސް ލައިންގެ ބަލިކަށިކަމެވެ. އެހެންކަމުން އެކުލަބަށް ގިނަ މެޗުތަކެއްގައި ފަހަތުން އަރައި މޮޅުވާން މަޖްބޫރުވެ އެވެ. ޗެމްޕިއަންސް ލީގްގައި ޔުނައިޓެޑް އެންމެ ފަހުން ސީއެފްއާރް ކްލަޖްއާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވާން ޖެހުނީ ވެސް ފަހަތުން އަރައެވެ. އެމެޗުން ޔުނައިޓެޑް މޮޅުވީ 2-1 ލަނޑުންނެވެ.
"އިދިކޮޅު ޓީމްތަކުގެ މައްޗަށް ކުރި ހޯދަން ފަހަތުން އަރައި މޮޅުވާން ޖެހުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް. މިހެން ކަންތައް ދިމާވަމުންދާތީ މެޗުގެ ކުރީކޮޅު އަހަރެމެންނަށް ލަނޑުތަކެއް ގެއްލޭނެ. މިހެންވާ ނަމަ، މެޗުތަކުން މޮޅުވުން ވެގެންދާނީ ވަރަށް އުނދަގޫ ކަމަކަށް. ކުރިއަށް ހުރި މެޗުތަކުގައި ޓީމްގެ ކުޅުން ވަރުގަދަވާނެކަމަށް އުންމީދުކުރަން." އުމުރުން 26 އަހަރުގެ ރޫނީ ބުންޏެވެ.
ޔުނައިޓެޑް ޓީމްގެ ޑިފެންސް ލައިންގެ އިތުރުން ޓީމްގެ ކުޅުން އެހެން ސީޒަންތަކާ ހިލާފަށް މިސީޒަނުގައި ދަށްކަން ގިނަ ބަޔަކު ފާހަގަކުރަމުންދެ އެވެ. އެގޮތުން އެކުލަބުގެ އަމިއްލަ ކޯޗު ސަރ އެލެކްސް ފާގަސަން ވެސް ވަނީ މިކަން ފާހަގަކޮށްފަ އެވެ.
ޔުނައިޓެޑް މިވަގުތު އޮތީ ޕްރެމިއާ ލީގުގެ ހަވަނާގަ އެވެ. ލީގުގެ އެއްވަނާގައި އޮތް ޗެލްސީއާއި ޔުނައިޓެޑްއާއި ދެމެދު ހަތް ޕޮއިންޓްގެ ފަރަގެއްވެ އެވެ. ލީގުގައި މިރޭ ޔުނައިޓެޑް ނުކުންނަން ޖެހޭނީ ލީގުގެ ދިހަވަނާގައި އޮތް ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށެވެ. ނިއުކާސަލްގެ އަމިއްލަ ދަނޑުގައި ކުޅޭ މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިރޭ 8:00 ގަ އެވެ.