14:30


ސްރީލަންކާގައި ހިނގި އެކްސިޑެންޓެއްގައި ފައިބުރިވެފައިވާ ދިވެހި އަންހެން މީހާގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމުގައި އާއިލާ އިން މިއަދު ބުނެފި އެވެ.


ކޮލަމްބޯގެ އަވަށެއް ކަމުގައިވާ ބޮރަލެސްގަމުވާގައި ހޯމަ ދުވަހު ހަވީރު ހިނގި މި އެކްސިޑެންޓުގައި ކަނާތު ފައިގެ ފަލަމަސްގަނޑާ ހަމައިން ބުރިވެފައިވާ، ހ. ނާގޫރުގޭ އުމުރުން 35 އަހަރުގެ އަލިއްޔާ މުހައްމަދުގެ ދައްތަ، ނަޝީދާ މުހައްމަދު މިއަދު ސަންއެފްއެމަށް މައުލޫމާތު ދެމުން ބުނީ ލަންކާ ހޮސްޕިޓަލްސްގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ އޭނާގެ ކޮއްކޮ އަށް ހޭވެރިކަންވާ ކޮންމެ ފަހަރަކު އެ ހާދިސާގެ މަތިން ހަނދާންވެގެން އުޅޭ ކަމަށެވެ.


މިދިޔަ ހޯމަ ދުވަހު ހަވީރު އެ އެކްސިޑެންޓު ހިނގައިފައި ވަނީ އަލިއްޔާ އާއި ނަޝީދާ އާއި އިތުރު ދެ މީހުންނާއި ކުއްޖަކު ތްރީވީލް ނުވަތަ ކުރޮޅިއެއްގައި ދަތުރުކުރަމުން ދަނިކޮށް ބާރު ސްޕީޑްގައި ދިޔަ ކާރެއް، އެ ކުރޮޅީގެ ކުރިމަތިން އަނބުރާލަން އުޅުމުގެ ތެރޭގައި އަލިއްޔާގެ ފައިގައި ކާރުން ޖެހިގެން ކަމަށް ނަޝީދާ ބުންޏެވެ. ނަޝީދާ ބުނީ އެކްސިޑެންޓް ހިނގިއިރު އަލިއްޔާ އިނީ އެއްފައި ކުރޮޅިން ބޭރަށް ނެރެގެން ކަމަށެވެ. އަދި ކާރު އަނބުރާލި ވަގުތު ކާރުގެ ބޮނެޓުގެ ވާތްފަރާތު ކަނުން އަލިއްޔާގެ ފައިގައި ޖެހުނުލެއް ބާރުކަމުން ފައި ބުރިވީ ކަމަށެވެ. އެ ވަގުތު ކަންތައްތައް ހިނގައިދިޔަ ގޮތާއި އޭނާގެ ކޮއްކޮގެ މިހާރުގެ ހާލަތު ނަޝީދާ މިއަދު ސަންއެފްއެމަށް ކިޔައިދިނެވެ.