ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، މި އަހަރުގެ ދިރާގް ދިވެހި ލީގުގެ އައްޑަނަ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން އުފުލާލައިފި އެވެ.

ނިއުއިން ލީގުގެ އައްޑަނަ އުފުލާލީ، ލީގުގައި ނިއު ކުޅެންޖެހޭ ފަހު މެޗުގައި މާޒިޔާ އަތުން 2-1 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.

ލީގް ނިއްމާލިއިރު، ނިއު އޮތީ 49 ޕޮއިންޓާ އެކު އެއް ވަނާގަ އެވެ. އަދި ލީގުގައި ނިއު ކުޅުނު 19 މެޗުގެ ތެރެއިން 15 މެޗުން މޮޅުވި އިރު، އެޓީމް އެއްވަރުވެފައި ވަނީ ހަތަރު މެޗެވެ.

މާޒިޔާ އަތުން ނިއު މޮޅުވި މެޗުގެ ފުރަތަމަ ލަނޑު އެ ޓީމަށް މެޗުގެ ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ. އަދި ނިއުގެ ދެ ވަނަ ލަނޑު މެޗުގެ ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން އަހުމަދު ތޯރިގް(ޓޮމް) އެވެ.

މެޗުގައި މާޒިޔާ އިން ނިއުކޮޅަށް ޖެހި އެޓީމްގެ ހަމައެކަނި ލަނޑު މެޗުގެ ދެ ވަނަ ހާފުގެ 54 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އަހުމަދު ރަޝީދު (އައްމަޑޭ) އެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ދެ ވަނަހާފުގައި ދެ ރަތް ކާޑު ފެނިގެން ދިޔަ އެވެ. އެގޮތުން މެޗުގެ ފުރަތަމަ ރަތް ކާޑު ފެނިގެން ދިޔައީ މާޒިޔާގެ ފޯވަޑް އަސަދުﷲ އަބްދުﷲ އަށެވެ. މެޗުގެ 64 ވަނަ މިނިޓުގައި އަސަދުﷲ އަށް ރަތްކާޑު ދެއްކީ ނިއުގެ ޑިފެންޑަރު ސަމާހު ހުސެއިން އަށް ކުރި ފައުލަކާ ގުޅިގެންނެވެ. އަދި މެޗުގެ ދެ ވަނަ ރަތް ކާޑު އަމާޒުވީ ނިއުގެ ނިއުގެ ކެޕްޓަން ޓޮމް އަށެވެ. އެ ރަތްކާޑަކީ ދެ ރީދޫ ކާޑު ހަމަވެގެން ދެއްކި ރަތް ކާޑެކެވެ.

އިއްޔެ ރޭގެ މެޗަށް ފަހު ފަހު އޮތް ދިވެހި ލީގުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ލީގުގެ ގަދަ ހަތަރު ޓީމަށް ވަނީ ފައިސާގެ އިނާމު ހަވާލުކޮށްފަ އެވެ. އެގޮތުން ޗެމްޕިއަން ޓީމަށް 100،000ރ.ގެ ފައިސާގެ އިނާމާއި ލީގު އައްޑަނަ ހަވާލުކޮށްދެއްވީ ދިރާގު ސީއީ އިސްމާއިލް ރަޝީދެވެ.