07 Oct 2012, 11:53
ވިލިމާލެ ސިއްހީ މަރުކަޒުގެ އިސްވެރިންގެ މައްސަލަތަކެއް ފެންމަތިކޮށް އެތަނުގެ ގިނަ މުވައްޒަފުންތަކެއް ސޮއިކޮށްފައިވާ ޕެޓިޝަނެއް، މާލޭ ހެލްތް ސާވިސަސް ކޯޕަރޭޝަނަށް ފޮނުވައިފި އެވެ.
ސިއްހީ މަރުކަޒުގެ މުވައްޒަފުންގެ ނަމުގައި މާލޭ ހެލްތު ސާވިސަސް ކޯޕަރޭޝަންގެ އެކްޓިން ސީއީއޯ ޑރ. އިސްމާއިލް ޝަފީއު އަށް އެޑްރެސްކޮށް ހުށަހަޅާފައިވާ އެ ޕެޓިޝަންގައި ފާހަގަ ކޮށްފައި ވަނީ މުވައްޒަފުންނަށް ދޭން ޖެހޭ މުސާރަ އާއި އިތުރުގަޑީގެ ފައިސާ އަދި އެލަވަންސްތައް ދިނުމުގައި ފަރުވާ ކުޑަކުރުމާއި މުވައްޒަފުންނާ ގުޅޭ އެހެނިހެން މައްސަލަތައް ހައްލުކުރުމަށް ބަޖެޓް ޝެކްޝަނާއި، އެޑްމިންއިން އެކަށީގެންވާ މައްސައްކަތްތަކެއް ނުކުރާ މައްސަލަ އެވެ.
"ސައުވީސް ގަޑިއިރު ތެރޭގައި 16 ގަޑި އިރު މުވައްޒަފުން ލައްވާ އެބަ މަސައްކަތް ކުރުވާ. މުވައްޒަފުން މަދުވެގެން ކަމަށް ބުނެ ދެ މަގާމުގެ ޒިންމާ އެއްމުވައްޒަފަކު އެބަޖެހޭ އަދާކުރަން. ވަޒީފާގެ އެގްރިމެންޓްގައިވާ ގޮތަށް އަށް ގަޑިއިރުގެ ތެރޭ އެއްގަޑި އިރުގެ ބްރޭކް ނެގުމުގެ ފުރުސަތު ޝިފްޓް ޑިއުޓީ އަދާ ކުރާ މުވައްޒަފުން ނަކަށް ނުލިބޭ. އެކަމަކު އެޑްމިން އަދި ބަޖެޓް ޝެކްޝަން މީހުން ބޭނުން އިރަކު ގެއަށް ވެސް އެބަދޭ. އެމީހުން ބައެއް ދުވަސް ދުވަހު ދެ ގަޑިއިރު މަސައްކަތް ކޮށްފައި ގެއަށްދާ ގޮތަށް ދެން ނާންނާނެ. އެކަމަކު މިތަނުގެ އިސްވެރިޔާ އަށް އެކަން އެނގިހުރެ ވެސް އެކަމާ ފިޔަވަޅެއް ނާޅަ. އަދި އޭނާ ވެސް މިކަމުގައި ބާވެރިވޭ،" 41 މުވައްޒަފަކު ސޮއިކޮށްފައިވާ އެ ޕެޓިޝަނުގައިވެ އެވެ.
ފަންސާހަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ވިލިނގިލި ސިއްހީ މަރުކަޒުގެ ހިންގެވުމާ ހަވަލުވެ ހުންނެވި އަހުމަދު ޒާހިރު "ސަން އޮންލައިން" އަށް މިއަދު ވިދާޅުވީ މިފަހަކަށް އައިސް މުވައްޒަފުންނަށް މުސާރަ ދިނުމުގައި ބައެއް މައްސަލަތައް ދިމާވެފައިވާ ކަމަށާއި އެކަން ހައްލުކުރުމަށް ހެލްތު ކޯޕަރޭޝަނާ ވެސް މަޝްވަރާކުރި ކަމަށެވެ. އެކަން ހައްލުކުރުމުގެ ގޮތުން ސިއްހީ މަރުކަޒުގެ ފައިނޭންސްގެ އިސްކޮށް ހުރި މުވައްޒަފު އެހެން ސެކްޝަނަކަށް ބަދަލު ވެސް ކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑަށް އެނގިފައި އޮތީ މުވައްޒަފުންގެ މުސާރައިގެ އުނި އިތުރު ކަމެއް ހުރި. އެކަންވެސް ހަައްލު ކުރުމަށް މިހާރު ވާނި ފިޔަވަޅު އަޅާފައި. އަޅުގަނޑެއް ވަކި މުވައްޒަފަކަށް ވަކި ގޮތެއް ނުހަދަން. ދެން ސަލާމް ގިނަވެ ޑިއުޓީ ތަކަށް ނައިސް ފަރުވާ ކުޑަކުރާ ކުދިންނަށް ކޮންމެވެސް ވަރެއްގެ ތަފާތުތަކެއް ހުރެދާނެ ކަންތައްތައް ނިންމާ ހެދުމުގައި. ވަޒީފާގެ ކުރިއެރުން ދިނުމުގައި. އެއްވެސް ކުއްޖަކަށް ދެރަ ގޮތެއް އަޅުގަނޑު ހަދާފައެއް ނޯންނާނެ. އަޅުގަނޑާ ހަމައަށް ތިޔަވަރުގެ ޝަކުވާތަކެއް ނުވެސް އާދެ،" ޒާހިރު ވިދާޅު ވިއެވެ. "ތިޔަ ފަދަ ޕެޓިޝަނެއް ހުށަހެޅިކަން ވެސް ނޭނގޭ،"
ޕެޓިޝަންގައި ފާހަގަކޮށްފައި ހުރި އެހެނިހެން ވެސް ޝަކުވާތަކުގެ ތެރޭގައި އިންޓަނެޓް ލިބުމުގައި މައްސަލަތައް ދިމާވެ އާސަންދައިގެ ހިދުމަތް ސިއްހީ މަރުކަޒުން ފޯރުކޮށްދިނުމަށް ދަތިވާ މައްސަލަ އާއި ބަޖެޓް ސެކްޝަންގެ މުވައްޒަފުން އޮޅުވާލައިގެން އިތުރުގަޑީގެ ފައިސާ އާއި އެލަވަންސްތައް ނަގާ މައްސަލަ ހިމެނެ އެވެ.
"އާސަންދައިގެ ބިލުތައް 30 ދުވަހުގެ ތެރޭގައި އާސަންދަ އޮފީހަށް ފޮނުވަން ޖެހޭ އިރު ބަޖެޓް ސެކްޝަނުން އެ މަސައްކަތް ވެސް ދުވަހުން ދުވަހަށް ނުކުރާތީ ރިސެޕްޝަނުގައި ވަނީ ފުނިޖެހިފަ އެވެ،" ޕެޓިޝަންގައިވެ އެވެ.
ޒާހިރު ވިދާޅުވީ މިހާރު ވެސް މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ހޯދައިދޭން މަސައްކަތް ކުރައްވާ ކަމަށާއި ނަމަވެސް މި ދުވަސްވަރުގެ ގޮތުން އެކަންތަކަށް އެކަށީގެން ވަރުގެ ކާމިޔާބެއް ނުލިބޭ ކަމަށެވެ. އަދި އެތަން ތަނުގައި ހުރި ލިޔެކިޔުންތަކުން ފެންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.