07 Oct 2012, 11:51
ސ. މަރަދޫގައި ބަންގުލަދޭޝްގެ ދެ މީހެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެކަކަށް ތޫނު އެއްޗަކު ހަމަލަދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ ރޭ 11:30 އެހާކަންހާއިރު ހިންގި އެ މާރާމާރީގައި ޒަޚަމްކޮށްލާފައި ވަނީ އުމުރުން 25 އަހަރުގެ މީހެއް ކަމަށެވެ. އަދި އެމީހާ އަށް ތޫނު އެއްޗަކުން ހަމަލަދިނުމުގެ ސަބަބުން އޭނާގެ ދެއަތުގެ މުލައްދަނޑި އާއި ގައިގެ އެކި ތަންތަން އެކިވަރަށް ޒަޚަމްތައްވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ އަނިޔާ ލިބުނު މީހާ އަށް މަރަދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު އޭނާގެ އަތުގައި ހުރި ޒަހަމްތަކުން ލޭމަނާ ނުވެގެން ހިތަދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
އެމީހުން ބަލަހައްޓާ ވަކި ސޮޕްންސަރެއް އެނގެންނެތި އެ ރަށުގައި ދިރިއުޅޭ އެ ދެ މީހުންނަކީ ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަނެތި ގަވާއިދާ ޚިލާފަށް އުޅޭ ދެ މީހުން ކަމަށް ފުލުހުން ބުނެ އެވެ. އަދި ދެ ބިދޭސީންގެ ދެމެދުގައި ހިންގި އެ މާރާމާރީ އަށް ފަހު ހަމަލަދިން މީހާ ފިލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި މިހާތަނަށް ހައްޔަރުކޮށްފައި ނުވާ އިރު ފިލިމީހާ ހޯދަމުން އަންނަ ކަމަށެވެ.