ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރައްވާ ދައުވާގެ ޝަރީއަތަށް މިއަދު ހަވީރު ނަޝީދު ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް ނެރެނު އަމުރު އިސްތިއުނާފު ކޮށްފި އެވެ.

ނަޝީދުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިން ވިދާޅުވީ މިއަދު 4:00 ޖަހާއިރަށް ނަޝީދު ޝަރީއަތަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ހުޅުމާލޭ ކޯޓުން ކުރި އަމުރު އިސްތިއުނާފު ކުރަން ހައިކޯޓަށް ހުށަހެޅީ މިއަދު ހެނދުނު ކަމަށެވެ.

އޭނާ ވިދާޅުވީ މިއަދު ހެނދުނު އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމަށް ފަހު އެ މައްސަލައާ މެދު ހައިކޯޓުން ވަކިގޮތެއް ކަނޑައަޅަން ދެން ނަޝީދުގެ ޝަރީއަތް ފަސްކޮށްދިނުމުގެ ވަގުތީ އަމުރަކަށް ވެސް އެދިފައިވާނެ ކަމަށެވެ.

"މިއަދު ހެނދުނު އަޅުގަނޑުމެން ހައިކޯޓަށް މައްސަލަ ހުށަހެޅީ. ހައިކޯޓަށް މައްސަލަ ހުށަހެޅުމަށް ފަހު ވަގުތީ އަމުރަކަށް ވެސް އަޅުގަނޑުމެން އެދިފައިވާނެ. ވަގުތީ އަމުރަކަށް އެދުނީ އެ މައްސަލައާ މެދު ހައިކޯޓުން ވަކިގޮތެއް ނިމެންދެން ރައީސް ނަޝީދުގެ ޝަރީއަތް ފަސްކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށް،" ހިސާން ވިދާޅުވި އެވެ.

ފުލުހުން އިއްޔެ ބުނެފައި ވަނީ ހުޅުމާލޭ ކޯޓުން ކޮށްފައިވާ އަމުރާ ގުޅިންގެން ނަޝީދު ކޯޓަށް ހާޒިރު ކުރެވޭނީ އޭނާގެ ރުހުމުގައި ކަމަށެވެ.

ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ ދައުވާގެ ޝަރީއަތް އިސްތިއުނާފު ކުރުމަށް ނަޝީދުގެ ގާނޫނީ ޓީމުން ހުށަހެޅި އިރު، ނަޝީދު ކެމްޕޭން ދަތުރެއްގައި ފުރާވަޑައިގެންފައި ވަނީ ކޯޓަށް ޗެލެންޖު ކުރެއްވުމަށް ފަހު އެވެ.