ޕާކިސްތާނުގެ އަވަހާރަ ވެފައިވާ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫގެ ދަރިކަލުން ބިލާވަލް ބުއްޓޫ އާއި ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ހިނާ ރައްބާނީގެ ލޯބީގެ ކުޅިގަނޑުގެ ވާހަކަ މީޑިޔާގައި ފެތުރޭން ފެށުމުން، ޚާރިޖީ ވަޒީރު ހިނާ ރައްބާނީ އަމިއްލަފުޅަށް އަވަހާރަވާން މަސައްކަތް ކުރައްވައިފި ކަމަށް ބަންގާޅުގެ ނޫހެއް ކަމަށް ވާ "ދަ ވީކްލީ ބްލިޓްޒް"އިން ހާމަކޮށްފި އެވެ. މި ނޫހަކީ ހިނާ އާއި ބިލާވަލްގެ ލޯބީގެ ކުޅިގަނޑުގެ ވާހަކަ ވެސް އެންމެ ފުރަތަމަ ގެނެސް ދިން ނޫހެވެ.

"ދަ ވީކްލީ ބްލިޓްޒް"އިން ހާމަ ކުރާ ގޮތުގައި ހިނާ ރައްބާނީ ވަނީ ނިދާ ބޭސް ގިނަ އަދަދަކަށް ފަރީއްކުޅުއްވައިގެން އަވަހާރަވާން މަސައްކަތް ކުރައްވައިފަ އެވެ. އަދި މި ނޫހުން ހާމަކޮށްފައި ވާ ގޮތުގައި، ހިނާ ރައްބާނީގެ ފިރިކަލުން ފީރޯޒް ގުލްޒާރާއި އޭނާގެ ވިޔަފާރީގެ ބައިވެރިޔަކާ އެކު ލޯބީގެ ގުޅުމެއް އޮތް ކަން ވެސް މި ދުވަސްވަރު ވަނީ ފަޅާއަރައިފައެވެ.

ހިނާ ރައްބާނީ އާއި ފީރޯޒް ގުލްޒާރުގެ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައި ބިލާވަލް ބުއްޓޫ އާއި ހިނާގެ ލޯބީގެ ގުޅުންތަކުގެ ވާހަކަ މީޑިޔާގައި ދެކެވޭން ފެށި ނަމަވެސް ފީރޯޒް ގުލްޒާރު ވަނީ ހިނާގެ ދިފާއުގައި ވާހަކަ ދައްކަވައިފައެވެ. އަދި މި ވާހަކަތަކަކީ ޕާކިސްތާނުގެ ސިޔާސީ ދާއިރާގައި މި ވަގުތު ހުންނެވި އެންމެ ނުފޫޒުގަދަ އަންހެން ބޭފުޅާ ކަމުގައިވާ އޭނާގެ އަނބިކަނބަލުން ހިނާ ރައްބާނީގެ ކުރިއެރުމާ މެދު ހަސަދަވެރި ވާ ބަޔަކު ފަތުރާ އަޑުތަކެއް ކަމަށް ވެސް ފީރޯޒް ވަނީ ސިފަ ކުރައްވައިފައެވެ.

ޕާކިސްތާނުގެ ވެރިކަން ކުރަމުން ދާ ޕާޓީ ކަމުގައި ވާ ޕާކިސްތާނު ޕީޕަލްސް ޕާޓީގެ ޒުވާން ޗެއާމަން ބިލާވަލް ބުއްޓޫއާ އެކު ޚާރިޖީ ވަޒީރު ހިނާ ސިއްރު ގުޅުމެއް ބާއްވަމުން ދާ ކަމުގެ ޚަބަރުތައް ފެތުރިފައި ވުމުން ހިނާއަށް ވަނީ ވަރަށް ބޮޑު ގޮންޖެހުންތަކަކާ ކުރިމަތި ލާން ޖެހިފައެވެ. ބިލާވަލަކީ އުމުރުގެ ގޮތުން ބަލާ އިރު، ހިނާއަށް ވުރެ 11 އަހަރު ހަގު ބޭފުޅެކެވެ.