ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރުކަން ކުރެއްވި ޑރ.އަފްރާޝިމް އަލީ އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ ދެ މީހެެއްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްދީފައިވާތީ އެ މައްސަލަ އިސްތިއުނާފު ކުރަން އެ ދެ މީހުންގެ ގާނޫނީ ވަކީލު ނިންމައިފި އެވެ.

އިސްތިއުނާފު ކުރަން ނިންމާފައި ވަނީ ފުލުހުން ހައްޔަރުކޮށްފައިވާ މަރިޔަމް ނާއިފާ އަދި އަލީ ހާޝިމްގެ މައްސަލަ އެވެ.

އެ ދެ މީހުންގެ ވަކީލު މިއަދު ވިދާޅުވީ އެ ދެ މީހުންނަށް 15 ދުވަހަށް ބަންދުގެ މުއްދަތު އިތުރުކޮށްދީފައި ވާތީ އެ މައްސަަލަ އިސްތިއުނާފު ކުރުމަށް މިހާރު ތައްޔާރު ވަމުން އަންނަ ކަމަށެވެ.

ކްރިމިނަލް ކޯޓުން އެ ދެމީހުންގެ ބަންދަށްވެސް 15 ދުވަސް ޖަހައިދިނީ މިދިޔަ ބުދަ ދުވަހުގެ ރޭގަ އެވެ.

އަފްރާޝީމް އަވަހާރަކޮށްލާފައިވަނީ އޭނާ ދިރިއުޅުއްވި، ހ. ފުންވިލުގޭ ސިޑީކައިރީގައި ގައިގެ އެތަން މިތަނަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލުމަށް ފަހު އެވެ.

ފުލުހުން ބުނެފައިވަނީ އަފްރާޝީމް އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ހަތަރު މީހުން ކަމަށެވެ.

ސަރުކާރުން ބުނެފައި ވަނީ އަފްރާޝީމްގެ ގާތިލުން ހޯދައި އެމީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ދޭނެ ކަމަށެވެ. އަދި އެ މައްސަލައިގައި ގައުމީ ތަހުގީގެއް ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަންގަވާފައި ވާތީ ފުލުހުން އަންނަނީ އެކަން ތަހުގީގު ކުރުމަށް ތަހުގީގެއް ހިންގަމުންނެވެ.

ފުލުހުން ވަނީ އަފްރާޝީމް އަވަހާރަކޮށްލި ރޭ އޭނާގެ ކާރު މާލޭގެ މަގަކުން ދުއްވާފައި ދަނިކޮށް ފެނުނު މީހެއް އެކަން ލަސްނުކޮށް ފުލުހުންނަށް އެންގުމަށް އިލްތިމާސް ކޮށްފަ އެވެ.