ވަށްވަރު އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ޅ. ވަށްވަރުގެ ކުލީގެ ގޮތުގައި 75،000 އަށް ވުރެ ގިނަ ރުފިޔާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން ބުދަ ދުވަހު ކުރި ހުކުމްގައި ބުނަނީ 2010 ވަނަ އަހަރުގެ ޖުލައި އަދި އޯގަސްޓް މަހުގެ ކުއްޔަށްވާ ފައިސާ އަކީ ވަށްވަރު އިންވެސްޓްމަންޓުން ދައްކަންޖެހި ނުދައްކާވާ ފައިސާއެއްކަން އެ ކުންފުނީގެ ބަހުން އެނގޭކަމަށެވެ.

އެ ފައިސާ އަކީ އެ ކުންފުނިން ސަރުކާރަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއްކަމާއި އަދި އެފައިސާ އެކުންފުނިން ދައްކަންޖެހޭނީ މީރާއަށް ކަމަށް ވާތީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ 34 ވަނަ މާއްދާ އަށް ރިއާޔަތްކޮށް އެކުންފުނިން ދައްކަންޖެހޭ ފައިސާގެ ޖުމްލަ އަދަދު ކަމުގައިވާ 75،975.63ރ. މިދިޔަ ބުދަ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚަލާސް ކުރުމަށް ވަނީ ހުުމްކޮށްފަ އެވެ.