07 Oct 2012, 09:59
ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތައް ހަރުދަނާ ކުރުމުގެ ގޮތުން ކައުންސިލްތަކުގެ ފައިނޭންސް އޮފިސަރުން ތަމްރީން ކުރުމަށް ހިންގާ ޕްރޮގްރާމް ދެ ވަނަ ބުރު މިއަދު ފަށައިފި އެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ފަރާތުން މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީއާ ހަވާލުކޮށްގެން ހިންގާ ހަ މަސް ދުވަހުގެ ކޯހުގެ ދެ ވަނަ ބެޗަށް 37 ކައުންސިލަކުން 37 މީހުން ވަނީ ހޮވައިފަ އެވެ.
ކުވައިތު ފަންޑުގެ އެހީގައި ހިންގާ ކޯސްތަކުގެ ދެ ވަނަ ބުރުގެ ބައިވެރިން ހޮވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ކޯހަށް ހޮވުނު ފަރާތްތަކާ ލިޔުން ހަވާލުކޮށް ދެއްވުމަށް ފަހު އެލްޖީއޭގެ ބޯޑް މެންބަރު އަހުމަދު ފައިސަލް ބުރާސްފަތި ދުވަހު ވިދާޅުވީ އެ ކޯހަކީ ލޯކަލް ކައުންސިލްތަކަށް މުޅިންއާ އުންމީދުތަކެއް ލިބިގެން ދާނެ ކޯހެއް ކަމަށާއި އެ ކަމުގެ ސަބަބުން ކައުންސިލްތަކުގެ ހިންގުން މުސްތަގުބަލުގައި ހަރުދަނާވެގެން ދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ފައިނޭންސް އޮފިސަރުންނަކީ ކައުންސިލްތައް ހަރުދަނާކަމާ އެކު ހިންގުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށާއި އެ ކޯހުގެ ސަބަބުން ކައުންސިލްތަކުން އަމިއްލައަށް އިސްނަގައިގެން ކަންތައްތައް ކުރާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ. އަދި އިގުތިސާދީ ގޮތުން ގައުމަށް ފައިދާ ހުރި މަސައްކަތްތަކެއް ކުރާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ފައިސަލް ވިދާޅުވީ ކައުންސިލްތައް ހަރުދަނާކަމާ އެކު ހިންގުމަށްޓަކައި ކައުންސިލްތަކުގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި އެގޮތުގެ މަތިން އެލްޖީއޭ އިން އިސްނަގައިގެން ގާނޫނެއް ޑްރާފްޓް ކޮށްފައިވާ ކަމަށާއި ވަރަށް އަވަހަށް އެ ބިލް މަޖިލީހަށް ފޮނުވާނެ މަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން އެ ބިލަށް މާ ބޮޑެތި ބަދަލުތަކެއް ނުގެނެސް، އަންނަ ކައުންސިލް އިންތިހާބަކަށް އެ ބިލް ފާސްކޮށް ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
އެލްޖީއޭގެ ފަރާތުން އިސްނަގައިގެން ފައިނޭސް އޮފިސަރުންނަށް ހިންގާ ޕްރޮގްރާމުގައި ލެވެލް 2ގެ ފުރަތަމަ ބެޗާއި އަދި ލެވެލް 3ގެ ފުރަތަމަ ބެޗް މިހާރު ކުރިއަށް އެބަދެ އެވެ. އަދި ލެވެލް 2ގެ ދެވަނަ ބެޗް ފެށުނީ މިއަދު އެވެ. މިހާރު މި ޕްރޮގްރާމްގެ ދަށުން ޖުމްލަ 93 ފައިނޭސް އޮފިސަރުން ތަމްރީން ކުރަމުންދެ އެވެ. އަދި ބާކީ 120 އޮފިސަރުން ތަމްރީން ކުރަން ހަމަޖެހިފައިވާ ކަމަށާއި ކޯހުގެ މުއްދަތަކީ ހަ މަސް ދުވަސް ކަމަށް އެލްޖީއޭ އިން ބުންޏެވެ.