ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން ގިނަ ބަޔަކު ގަވާއިދާ ހިލާފަށް އުޅެނީ މުސާރަ ނުދީގެން ކަމަށް ބައެއް ފަރާތްތަކުން ބުނާ ކަމަށާއި އެއީ ބިދޭސީން ގަވާއިދާ ހިލާފަށް އުޅެން ލިބޭ ލައިސެންސެއް ނޫންކަމަށް މަސީގެ ނައިބު ރައީސް އަދުނާން ހަލީމް ވިދާޅުވެއްޖެ އެވެ.

އަދުނާން ވިދާޅުވީ ބިދޭސީން ލައްވާ މަސައްކަތް ކުރުވުމަށް ފަހު އުޖޫރަ ނުލިބޭ ނަމަ އެފަދަ މީހުންވެސް އެ މައްސަލަތައް ހުށަހަޅަން ޖެހޭނީ އިންސާފު ގާއިމްކުރުމަށް ހެދިފައި ހުރި މުއައްސަސާތަކަށް އެ މައްސަލަތައް ހުށަހަޅައިގެން ކަމަށެވެ. އަދި އެއީ ބިދޭސީން ގަވާއިދާއި ހިލާފަށް ފިލައިގެން އުޅެންޖެހޭ ސަބަބެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

"ގެންގުޅޭ ފަރާތުން ދެނީ މާކުޑަ މުސާރައެކޭ، އެ ވެސް ހަމައަކަށް ނުލިބެޔޭ، އެހެންވީމަ ދެން އުޅޭނި ގޭގޭ ކުނި އުކާ ދީގެންނޭ ބުނެ ފިލައިގެން އުޅޭކަށް ފުރުސަތު ދެވިގެން ނުވާނެ" އަދުނާނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބިދޭސީ އަކު ރާއްޖެ އަންނައިރު އެ މީހެއްގެ އަތުގައި އަޕް އެންޑް ޑައުން ޓިކެޓް އޮންނަ ކަމަށާއި ޑިޕޮސިޓް ފައިސާވެސް ބަހައްޓާ ކަމަށެވެ. އެހެން ކަމުން ކޮންޓްރެކްޓަރު ކަންތައް ކުރާ ގޮތަކުން ހިތްހަމަ ނުޖެހިގެން އެހެން ގޮތެއް ހޯދަން ނުޖެހޭނެ ކަމަށް އަދުނާން ވިދާޅުވި އެވެ.

މަސައްކަތް ކުރާ ބިދޭސީން ގެންގުޅެން ޖެހޭ ރަނގަޅު އުސޫލުތަކެއް ގާއިމްވެފައި ނެތް ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ބިދޭސީން މަސައްކަތް ކުރާ ހުރިހާ ދިމާލެއްގައިވެސް ހަމައަށް ބިދޭސީން ތިބި ކަމަށާއި ބިދޭސީން ބާކީވެ، ކުރާނެ މަސައްކަތެއް ނެތިގެން އުޅެންޖެހެނީ ކޯޓާ ދޫކުރުމުގައި އޮޅުވާލުންތަކެއް ހުރުމުން ކަމަށެވެ.

"ހުރިހާ ދިމާލެއްގައިވެސް ފުދޭވަރަށް ބިދޭސީން އެބަތިބި. މަސްވެރިކަމުގެ ދާއިރާ، ޓޫރިޒަމް ދާއިރާ، އިމާރާތް ކުރުމުގެ ދާއިރާ، ރެސްޓޯރެންޓް، ސައިހޮޓާ ތަކުގައިވެސް. އެކަމަކު މަގުމަތީގައިވެސް އެބައުޅޭ ހަމަ އެވަރަށް ގިނަވެގެން. އަޅުގަނޑުމެންގެ ހޯދުން ތަކުން އެނގުނު ގޮތުގައި އެއް ގެއެއް ދެފަހަރަށް ތިންފަހަރަށް އަލުން އިމާރާތް ކުރުމުގެ ނަމުގައި ކުރީގެ ކުރެހުން ސެޓް ހުށަހަޅައިގެން ކޯޓާ ދޫކުރާ މީހުން ކޯޓާ އެޕްރޫވް ކޮށްގެން ބިދޭސީން ގެންނަކަން ފާހަގަވޭ،" އަދުނާނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފިލުވަން ވެގެންވެސް ރާއްޖެއަށް ބިދޭސީން ގެންނަ ކަމަށާއި، އެކަމަކީ ބަޔަކަށް ވަރަށް ފައިދާ ހުރި ކަމަކަށްވެސް ވެދާނެ ކަމަށެވެ. އަދި ވިދާޅުވީ އެގޮތަށް މީހުން ގެންނަ ފަރާތް ތަކަށް އެކަށީގެންވާ އާމްދަނީ އެއް ލިބޭ ކަމަށެވެ.

"ޤާނޫނާއި ގަވާއިދާއި ޚިލާފު ވުމަށް ފުރުސަތު ފަހިކޮށްދީގެން ވެސް މީހުން އެބަ އާދޭ. އެގޮތަށް މީހުން ގެންނަ ފަރާތް ތަކުން ވަރަށް ފޯރިހުރޭ. އެމީހުންގެ ޖީބަށް ވަންނަ ފައިސާ އިތުރުވާތީ. ސަރުކާރުގެ އެތެރެއިން ގަވާއިދާއި ޚިލާފަށް ކޯޓާ ދޫކުރެވޭ މައްސަލަ އަކީ ވަރަށްބޮޑު މައްސަލަ އެއް،" އަދުނާނު ވިދާޅުވި އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް އިތުރުވެފައިވާއިރު އެފަދަ ފަރާތްތައް ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ގެންދަނީ މަސައްކަތް ކުރަމުންނެވެ.